ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް

ޑިމޮކްރަސީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހެއް ބޭނުންވެއެވެ. އެއީ ގާނޫނު ހެދުމަށާއި، ރައްޔިތުން ތަމްސީލުކުރުމަށާއި، ސަރުކާރު ހިނގަމުންދާ ގޮތް ބަލައި ފާރަވެރި ވުމަށެވެ. ރައްޔިތުންގެ މަޖިލީހުން، އެއިރަކު އޮންނަ ސަރުކާރެއް ރައްޔިތުންނަށް ޖަވާބުދާރީ ކުރުވައި، ވަކި އިމެއްގެ ތެރޭގައި ސަރުކާރު ހިފަހައްޓައި، ސަރުކާރަށް މަގުދައްކައެވެ. އަދި ސަރުކާރުން ކަންކަން ނިންމަނީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭ ގޮތަށް ކަން މަޖިލީހުން ކަށަވަރުކުރެވެއެވެ. ހަރުދަނާ ޑިމޮކްރަސީއެއް އޮތުމަށްޓަކައި ހަރަކާތްތެރި ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ބޭނުންތެރި ކަމެކެވެ. ހަރަކާތްތެރި ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރަސީގެ ހިތެވެ.
ގާނޫނުގެ ވެރިކަމާއި ޑިމޮކްރަސީ ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ ގާނޫނުގެ ވެރިކަމާއި، ޑިމޮކްރަސީ ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު މުހިންމުވާ ސަބަބަކީ، ގާނޫނުއަސާސީއިން ޑިމޮކްރެޓިކް ދައުލަތެއް ގާއިމުވުމަށްފަހު، އެ ޑިމޮކްރަސީ ފަހަތަށް ކައްސާލާނީ ނުވަތަ ނުވަތަ ދައުލަތުގެ ޑިމޮކްރެޓިކް މުއައްސަސާތަކާއި ޑިމޮކްރެޓިކް ހަމަތައް ހަލާކުކޮށްލެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެގޮތަށް ރުހިގަތުމުން ކަމަށްވާތީއެވެ. ޑިމޮކްރަސީ ފަހަތައް ކައްސައިލިޔަނުދނުމަށް މަޖިލިސްގެ މެންބަރުން ގަދަފައިވިއްދައިގެން ހިފަހައްޓައިފިނަމަ، ރައްޔިތުންގެ މަޖިލިސްވާނީ ޑިމޮކްރަސީ ހިފަހައްޓާ މުގޫ ކަމަށެވެ. އެއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފައިސާއަށް ވިކިއްޖެނަމަ، މުޅި ދައުލަތް ޚަރާބުގެ މަގަށް އެނބުރޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތާ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމުގެ ބަދަލުގައި މަޖިލީހުގެ ގޮނޑިއަކީ ފައިސާޖަހާ މަޝިނެއް ކަމަށް ބަލައިގެންފިނަމަ، މުޅި ދައުލަތުގައި ފަސާދައާއި ކޮރަޕްޝަން ފިޔަވައި އެހެންކަމަކަށް ޖާގައެއް ނޯންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިބެނީ ރައްޔިތުންގެ ކަންކަން ސަރުކާރުން ނިންމުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، މަސްލަހަތުތަކުގެ އަޑު އުފުލުމަށް ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނެވެ. މިގޮތަށް، ރައްޔިތުން ތަމްސީލުކުރުމުގެ ތެރެއިން ރައްޔިތު އެންމެންގެ ތަފާތު އެކި ބޭނުންތަކަށް މަޖިލީހުގައި އިޖާބަދެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ އަސާސީ މަސައްކަތަކީ ގާނޫނު ހެދުމާއި ގާނޫނު ބަދަލުކުރުމާއި، ގާނޫނު އުވާލުމެވެ. ރައްޔިތުންގެ މަޖިލީހުގެ މި މަސައްކަތުގެ ތެރެއިން ގާނޫނަކީ ނަތީޖާނެރެވޭ، މުޖުތަމައުގެ ކަންކަމާ ގުޅުންހުރި، ގައުމުގެ ކަންކަމަށް އިޖާބެދެވޭ، މުޖުތަމައު ގަބޫލުކުރާ އުސޫލުތައް ހިމެނޭ އެއްޗެއް ކަމަށް ހެދެއެވެ.
ޑިމޮކްރަސީއެއް ހިންގުމުގައި ރައްޔިތުންގެ މަޖިލިސް އަސާސީ ދައުރެއް އަދާކުރަނީ ސަރުކާރުގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ހިއްސާކުރެވޭ މަންސައެއްގެ ގޮތުގައެވެ. މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވައި ގާނޫނުގެ ވެރިކަން ހިނގާކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރެއެވެ. ކުރުކޮށް ބުނާނަމަ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާއި ސަރުކާރު ގުޅުވައިދޭ އެންމެ މައި ފާލަމެވެ.
ރައްޔިތުންގެ މަޖިލިސް ރަމްޒުކޮށްދޭ އެންމެ މުހިންމު ސިފައަކީ ރައްޔިތުންގެ ބާރުވެރިކަމާއި، މަޝްވަރާ އާއި އަޣުލަބިއްޔަތަށް ތަބާވުމުގެ ސިފައެވެ. މި ސިފަތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އެ އެއްޗެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ ޖުމްހޫރީ ވެރިކަމުގެ އަސާސްތަކެވެ.
ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ގާނޫނުއަސާސީގެ ދަށުން ދައުލަތުގެ ސިޔާދަތީ ބާރުތައް ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ވީމާ، ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ ބާރުތައް އެ މަޖިލީހުން ބޭނުންކުރަންވާނީ ގާނޫނުއަސާސީއިން އެ މަޖިލީހަށް ދީފައިވާ ބާރުތަކުގެ ހުދޫދުން ބޭރުނުވާނޭ ގޮތަށެވެ. ގާނޫނުއަސާސީއިން އެ ފަރާތަށް ދީފައިވާ ބާރުތަކުގެ އިމުގެ ތެރޭގައެވެ. އެ އިމުން ބޭރުވުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންނުވެއެވެ. އަދި ދައުލަތުގެ އެހެން ބާރަކާ ހަވާލުކޮށްފައިވާ ކަމެއްގެ ތެރެއަށް ގާނޫނުއަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ވަދެ، ބެހި، ހުރަސްއަޅައި، ފުރައްސާރަކޮށް، ޖެއްސުންކޮށް، ހުއްޓުވައި ހަދައިގެންނުވާނެއެވެ. އަދި ކިއެއްތަ، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ އެއްވެސް މާއްދާއަކާ ނުވަތަ ޝަރުއީ ކޯޓެއްގެ ހުކުމަކާ ޚިލާފުވުމަށް އިޚްތިޔާރުކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންނުވެއެވެ.
އަޣުލަބިއްޔަތަށް ތަބާވުން
ރައްޔިތުންގެ މަޖިލިސް ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ އަޣުލަބިއްޔަތަށް ތަބާވުމުގެ ސިފައެވެ. ނަމަވެސް، ހަމައެއް ލަމައެއް ނެތި، ހިތުހުރި ހުރިހާގޮތަކަށް އަޣުލަބިއްޔަތުގެ ބާރު ބޭނުން ކޮށްގެންނުވާނެއެވެ. އަޣުލަބިއްޔަތުގެ ތެރެއިން އުފެދޭ ސިޔާސީ ބާރު، އެ ބާރު ކޮންޓްރޯލްކުރާ ފަރާތުން ބޭނުންކުރަންވާނީ ޒިއްމާދާރުކަމާ އެކުގައެވެ. އެ ބާރަކީ އަމާނާތެއްކަން އެނގިތިބެގެންނެވެ. އަޣުލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފާނަމަ، އެކަން ހުއްޓުވޭނެ ނިޒާމެއް އޮންނަން ޖެހެއެވެ. އެ ނިޒާމު އޮންނަންވާނީ ގާނޫނުއަސާސީގައި ލިޔެ ހިމޭންކުރެވިފައެވެ. މިހާރު އަމަލުކުރަމުންދާ 2008'ގެ ގާނޫނުއަސާސީގައި ވެސް ހެޔޮނިޔަތުގެ މިންގަނޑުން ބޭރުވެ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ބާރު ނަމަގޮތުގައި ބޭނުންކޮށް، އެހެން ބާރުތަކުގެ މައްޗަށް ގަދަބަދަވިކަން ދައްކައި، އެހެން ބާރުތަކުގެ މަސައްކަތަށް ހުރަސް އަޅައި، ހުއްޓުވައި، ފުރައްސާރަކޮށް، ރައްޔިތުންގެ ހައްގުތައް ހަނިކޮށް، ހިފަހައްޓަކައި، ގާނޫނުއަސާސީގެ މަގްސަދު ގެއްލުވާލައި، ރައްޔިތުންގެ މަޖިލީހުގެ މަތުލަބު ޚަރާބުގެ މަގަށް އަނބުރާލުމަށް ބޭނުންކުރެވިދާނޭ އާނގަތަކެއް އެބަހުއްޓެވެ. ނަމަވެސް، އެއިން ގިނަ ކަންކަމަކީ، ހެޔޮނިޔަތުގައި ޒިއްމާދާރުކަމާއެކު ބޭނުންހިފާނަމަ، އާނގަތަކެއްގެ ގޮތުގައި ސިފަކުރެވޭނެ ކަންކަމެއް ނޫނެވެ.
މަޖިލީހުގެ މެންބަރުންގެ އަމާނާތްތެރިކަމުގެ ވާޖިބާއި އަޚްލާގު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަސްއޫލިއްޔަތަކީ އަމާނާތެކެވެ. އެއީ އެ މެންބަރަކު އިންތިޚާބުކުރާ ރައްޔިތުން އެ މެންބަރަކާ ހަވާލުކުރާ އަމާނާތެކެވެ. އެކަން ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައެވެ. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ގުޅުން އޮތް އެހެން މީހެއްގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ. އަދި އެ މެންބަރަކު އިންތިޚާބުވި ދާއިރާ ތަމްސީލުކުރުމުގައި މުޅި ގައުމާއި އެންމެހާ ރައްޔިތުންގެ މަންފާއަށް ރިއާޔަތްކުރަންވާނެ ކަމަށެވެ. އެހެންކަމުން މެންބަރަކު މި އަމާނާތަށް ޚިޔާނާތްތެރިވެގެން ނުވާނެއެވެ. އެހެންކަމުން ރައްޔިތުންގެ މަންދޫބެއްގެ ގޮތުން މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރާ މީހާއަކީ އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ހަވާލުކުރާ މަސްއޫލިއްޔަތު އަދާކުރެވޭނޭ ފަދަ ތެދުވެރި އަދި އަމާނާތްތެރިކަމުގެ ސިފަ ލިބިގެންވާ މީހަކު ކަމަށް ވާންޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ރައްޔިތުން ހަވާލުކުރާ އަމާނާތަށް ޚިޔާނާތްތެރިވާ ކަމަށް ބެލެވިދާނެ ނުވަތަ އަޚްލާގީ މިންގަނޑާ ޚިލާފުވާ ކަމަށް ބެލެވިދާނެ ބައެއް ކަންކަމަކީ:
(ހ) މެންބަރުކަމުގެ މަގާމުގެ ނާޖާއިޒު މަންފާ ތިމާއަށް ލިބިގަތުމާއި، ތިމާގެ އާއިލާގެ މީހުންނަށާއި ތިމާގެ ރައްޓެހިންނަށާއި ވަކި މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދިނުން.
(ށ) ރައްޔިތުންގެ މަސްލަހަތަށް ނުވިސްނުން.
(ނ) މަސައްކަތުގައި ފަރުވާކުޑަކުރުމާއި އިހުމާލުވުން.
(ރ) ތިމާ އިންތިޚާބުވީ ޕްލެޓްފޯމު ދޫކޮށްލުމާއެކުވެސް މެންބަރު ކަމުގައި ހުރުން.
(ބ) މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވުން.
(ޅ) ވަކި ފަރާތަކަށް ތާއީދުކުރުމާއި ތާއީދު ދެމެހެއްޓުމަށް ފައިސާގައި ހިފުން.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި އެމީހުން އެމީހުން އިންތިޚާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތްކުރަންވާނެ ކަމަށެވެ. މި މާއްދާއިން އެނގެނީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އިންތިޚާބުކުރެވެނީ ރައްޔިތުން ތަމްސީލުކުރަން ކަމެވެ. އަދި އެމީހުންގެ އަޑު މަޖިލީހުގައި އުފުލަންކަމެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާއިން ދޭހަވާ އަނެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީ ވާންޖެހޭނީ އެ މެންބަރަކު އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންނަށް ކަމާއި، އެ މެންބަރުން ހިމާޔަތްކުރަންޖެހޭނީ ގައުމުގެ މަސްލަހަތު ކަމެވެ.
ތިޔަ ބޭފުޅުންގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރި މެންބަރުގެ ޚިދުމަތްތައް މަތީގައި ބަޔާންކުރި ގިއުގަނޑަށް ފެތޭތޯއެވެ؟ ނޫނީ އެ މެންބަރުގެ މައުގަނޑު މަސައްކަތަކީ ސަރުކާރުގެ އިމާރާތްކުރުމާއި ޕްރޮޖެކްޓު ހިންގުމާއި މުދާ ސަޕްލައިކުރުމުގެ ކޮންޓްރެކްޓުތައް ސަރުކާރުން ހޯދުންތޯއެވެ. ނޫނީ އެ މެންބަރު، މެންބަރުކަމުގެ ގޮޑި ބޭނުންކުރަނީ އެކިއެކި ފަރާތްތަކުން "ހިލޭ ފައިސާގެ އެހީ" ހޯދުމަށް ތޯއެވެ. ނުވަތަ ހިލޭ އެޕާޓްމަންޓު ހޯދުމަށްތޯއެވެ. ނުވަތަ އެ މެންބަރުގެ ގާތް ތިމާގެ މީހުންނަށް ބޭރުގެ އެމްބަސީތަކުންނާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ވަޒީފާ ހޯދައި ދިނުމަށްތޯއެވެ. ތިޔަ ބޭފުޅުންގެ ދާއިރާއިން އިންތިޚާބުކުރި މެންބަރު ތިޔަ ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ ތަޅަމުގައި މިހާތަނަށް ޗުއްޕުވެސް ބުނެފައި ވޭތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ