ވަކި ބަޔަކަށް މަންފާ ހޯދައިދޭން އެފްޑީސީން މަސައްކަތް ކުރާކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅައިފި ވަކި ބަޔަކަށް މަންފާ ހޯދައިދޭން އެފްޑީސީން މަސައްކަތް ކުރާކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ އެޕާޓުމެންޓުތަކުގައި އެއާކޯނާއި ބަދިގެ ކަބަޑު ޖެހުންފަދަ މަސައްކަތްތައް ވަކި ވިޔަފާރިތަކަކަށް ލިބޭ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަމަލު ކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، އަހުމަދު ސަލީމް (މާޒް) އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން، ފްލްޓެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ދާއިރު ވަކި ވިޔަފާރިތަކަކަށް މަންފާ ވާގޮތަށް އެތަނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
އެގޮތުން ފްލެޓު ލިބޭ މީހުންނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ތަނުގައި ވަކި ވިޔަފާރިތަކެއްގެ ސްޓޯލްތަކެއް ހަދައިގެން ފަރުނީޗަރާއި އެއާކޯން އެ ކުންފުނިތަކުން ފަތުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށް މާޒް ސަލީމް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެ ކުންފުނިތަކުން އެ ތަކެތި ގަތުމަށް އެފްޑީސީގެ މުވައްޒަފުން ބާރު އަޅާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފްޑީސީން ސޯޝަލްމީޑިއާގައި އިޝްތިހާރު ކުރުމަށް ހަދާފައިވާ ވީޑިއޯ ކްލިޕުގައި ވެސް އެ ކުންފުނިތަކުގެ އިޝްތިހާރު ހިމަނާފައިވާކަން އެ މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ.
އެފަދަ ވިޔަފާރި ކުރާތާ އެތައް ޒަމާނެއް ވެފައި ތިބި ކުންފުނިތައް ތިއްބައި އެކަމުގެ މާބޮޑު ތަޖުރިބާއެއް ނެތް ވިޔަފާރިތަކަކަށް އެ މަންފާ ހޯދައިދޭތީ ވެސް އެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.
އޭގެތެރެއިން ބަދިގެ ކަބަޑު ޖަހައިދޭ ކުންފުނިން، ބަދިގެ ސެޓެއް ވިއްކާ އަގަކީ 5000ރ. ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެ މަގުން 4000 ފްލެޓަށް އަގުމަގު ކުރާއިރު ޖުމުލަ އަގު 200،000،000ރ. އަށް އަރަ އެވެ.
އެއާކޯން ވިއްކަމުންދާ އަގަކީ 30،000ރ. ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެ މަގުން 4000 ފްލެޓަށް އަގުމަގު ކުރާއިރު ޖުމުލަ އަގު 120،000،000 އަށް އަރަ އެވެ.
ސޯފާ ސެޓާއި ޑައިނިން ރޫމް ސެޓުގެ އަގުތަކަކީ ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 51،805ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 55046ރ. ކަމަށް މާޒް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
އޭގެއިތުރުން މާޒް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ފްލެޓު ލިބޭ މީހުންނާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ 4.1 ވަނަ މާއްދާގައި އެޕާޓުމެންޓުތައް ހަވާލު ކުރުމަށް އޮންނަ މުއްދަތަކީ ހަ މަސްދުވަސް ކަމަށެވެ. އަދި އެ ހަ މަސްދުވަސް އެގްރީމެންޓުގައި ހިމަނާފައި ވަނީ އެ ކުންފުނިތަކަށް އެ މުދާ ގެންނާނެ މުއްދަތެއް ދިނުމުގެ ގޮތުން ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެ ކަމަށް ބާރުލިބޭ ހެއްކެއްގެ ގޮތުގައި މައްސަލައިގައި ބުނެފައި ވަނީ އެ ކުންފުނިތަކުން ކުރަމުންދާ އިޝްތިހާރުގައި ވެސް އެ ކުންފުނިތަކުން އޯޑަރު ކުރާ ސާމާނު ލިބޭނީ ޕްރީއޯޑަރު ކޮށްގެން ކަމަށް ބުނަމުން ދިޔުމެވެ.
އެ ހުރިހާ ކަމެއް ވަކި ވިޔަފާރިއަކަށް މަންފާ ވާގޮތަށް އެފްޑީސީން އަމަލު ކޮށްފައިވާއިރު، އެ ކުންފުނިތަކުން އެ ތަކެތި ސަޕްލައި ނުކުރެވިއްޖެ ނަމަ ދެން ޒިންމާ ވާނީ ކޮން ފަރާތަކުންތޯ އެ މައްސަލައިގައި ސުވާލު އުފައްދާފައިވެ އެވެ.
އެ ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި އެ މައްސަލައިގައި ބުނެފައި ވަނީ އެފްޑީސީން މިހާރު އަމަލު ކުރަމުން ދަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ އިތުރުން ވިޔަފާރި އާއި ކޮންޓްރެކްޓާ ބެހޭ ގާނޫނު އަދި މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ