މީޑިއާ ބިލުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ނޫސްވެރިންގެ ހާއްސަ ފޯރަމެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާންމުންނަށް ކިޔައިދިނުމަށް ހާއްސަ ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.އެމްޖޭއޭއިން ބުނީ ގާނޫނީ ދާއިރާ އަދި ލިޔުންތެރިކަމުގައި ހަރަކާތްތެރިވާ މީހުން އެ ފޯރަމްގައި ވާހަކަދައްކާނެ ކަމަށެވެ. އޭގެ އިތުރުން، 'އޯޕަން މައިކު' އުސޫލުން ގެންދާ ހަރަކާތުގައި އާއްމުންނަށް ވެސް، އެ މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކުރިންވެސް އެފަދަ ބިލެއް ހުށަހަޅާއިވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަބޫބަކުރު އެވެ. ނޫސްވެރިންނާއި މީޑިއާތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކަންބޮޑުުވުންތައް ހުއްޓަސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ވިސްނުމަކީ އެ ބިލު ފާސްކުރުމެވެ. އެކަމަށް ބާރު ދިނުމަށް، ސަރުކާރަށް ތާއިދުކުރާ މީހުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ރާއްޖޭގައި މަސައްކަތްކުރާ 151 ނޫސްވެރިންގެ ސޮޔާ އެކު މި ބިލު ބޭރުކުރަން ގޮވާލާފައިވާ ޕެޓިޝަނެއް ވެސް ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވި އެވެ. އޭޖީ އޮފީހުން ފަހުން ވަނީ ބިލަށް ބައެއް އިސްލާހުތަކެއް ވެސް ގެންނަން ކޮމިޓީއަށް ފޮނުވައިފަ އެވެ. "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބާއްވާ ފޯރަމް އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ