ފާއިޒުގެ ރައްދު: ޝަރުއީ ދާއިރާއަށް އެހީ ދެނީ ހެޔޮފުޅު ކަމަކުން ނޫން, އެއީ ދޭން ޖެހޭ އެއްޗެއް
ދައުލަތުގެ ބަޖެޓުން ޝަރުއީ ދާއިރާއަށް ހިލޭ އެހީ ދިނުމަކީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ހެޔޮފުޅު ކަމުން ކުރައްވާ ކަމެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ ބަޖެޓުން ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ކުރީގެ ރައީސް އަބްދުالله ޔާމީނަށް މިއަދު ރައްދު ދެއްވައިފިއެވެ. ފާއިޒް މިފަދައިން ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ޚަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެއްވެސް ގައުމެއްގައި ޖުޑިޝަރީއަށް ހިލޭ އެހީ ނުދެއްވާ ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވުމުންނެވެ. https://sun.mv/211209 މިއަދު "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއް ޝަރުއީ ދާއިރާއަށް ޚާއްސަކުރުމަކީ ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އެ ބޭފުޅެއްގެ ހެޔޮފުޅުކަމުން ދެއްވާ ހިލޭ އެހީއެއް ނޫން ކަމަށާއި، ކޯޓުތަކަކީ ދައުލަތުގެ މުއައްސަސާއަކަށްވާއިރު ކޯޓުތަކުގެ ޚަރަދަކީ ދައުލަތުން ދޭންޖެހޭ ޚަރަދެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައެޅުމަކީ ޝަރުއީ ދާއިރާ މިނިވަންވުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވެ، ޔާމީނަށް ރައްދުދެއްވައި ފާއިޒް ވިދާޅުވިގޮތުގައި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އަމަލުކުރަމުން އަންނަނީ އެ އުސޫލަށެވެ. ރާއްޖޭގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަކި ޕަސެންޓެއް ޚާއްސަކޮށްފައިވާކަން ފާހަގަކުރައްވައި، ޝަރުއީ ދާއިރާއަށް ވެސް ބަޖެޓުން ވަކި ޕަސެންޓެއް ޚާއްސަ ނުކުރެވެންވީ ކީއްވެތޯ ފާއިޒް ސުވާލު އުފެއްދެވިއެވެ. ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ޝަރުއީ ދާއިރާއަށް ފައިސާ ދެއްވުމަށް ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު ނިންމަވައި އެކަން ހާމަކުރެއްވީ ޖެހިގެން އައި ބުރާސްފަތި ދުވަހުގައެވެ. https://sun.mv/211184 ރައީސް ވިދާޅުވީ އެކަން ކުރެއްވުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމަވާފައިވާ ކަމަށާއި، އެ ފައިސާ ޚަރަދުކުރާނީ ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް ރައީސްގެ އެ ނިންމެވުމަށް ފާޑުވިދާޅުވެ، ބުރާސްފަތި ދުވަހުގެރޭ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޖުޑީޝަރީއަށް ހިލޭ އެހީ ދިނުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ އުސޫލެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އަދުލު އިންސާފު އަވަސްވާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ދެއްކި ވާހަކައަށް ވެސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ދެން ޖުޑީޝަރީގެ ކަންކަމަށް ފާޑުކިޔަން އެނގޭ މީހުން، ގާނޫނީ ދާއިރާގައި ޕްރެސެކިއުޓަރުން މިހެން އުޅުނު މީހުން މި ބުނަނީ މިއީ އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް ނޫނީއްޔާ އެ ތަނުގެ ކޮރަޕްޝަން ފްރީކުރުމަށް އެޅުއްވި އެންމެ ބޮޑު ފިޔަވަޅޭ،" ޔާމީން އަލިއަޅުއްވައިލެއްވިއެވެ. "ނޫން ނުދެނަހުރިން އެނގޭތޯ. ދުނިޔޭގެ އެއްވެސް ތާކުން ޖުޑީޝަރީއަށް އެ ދޭންޖެހޭ މުސާރައާއި އެލަވަންސާ އެއީ ބަޖެޓުގައި ޖަހައިގެންދޭ އެއްޗެއް. އެއީ މުއިއްޒު ދޭ އެއްޗެއް ނޫން. އެއީ ރައްޔިތުން ދޭ އެއްޗެއް،" ޔާމީން މިފަދައިން ވިދާޅުވި ނަމަވެސް މަދު ގައުމުތަކެއްގައި އެ ގައުމުތަކުގެ ބަޖެޓުން ވަކި ޕަސެންޓެއް ޖުޑީޝަރީއަށް ޚަރަދުކުރެއެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީން ހަ ޕަސެންޓު ކޮސްޓާ ރިކާ އާއި އެލް ސެލްވެޑޯއިން ޖުޑީޝަރީއަށް ޚަރަދުކުރަން ޖެހޭ ކަމަށް އޮންނައިރު، ބްރެޒިލްގައި އެ ގައުމުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ގައުމުގެ ޖުޑީޝަރީއަށް މާލީ ޚަރަދުތައް އޮންނަނީ ދޫކޮށްލައިފައެވެ. ދެކުނު އެމެރިކާގެ އެހެން ގައުމުތަކަށް ބަލާއިރު ގުއަޓެމާލާ އާއި ޕެނަމާއަށް ލިބޭ އާމްދަނީން ދެ ޕަސެންޓު، އިކުއެޑޯގެ މައި ސަރުކާރަށް ލިބޭ އާމްދަނީގެ 2.7 ޕަސެންޓު، ހޮންޑިއުރަސްގެ އާމްދަނީގެ ތިން ޕަސެންޓާއި ނިކަރާގުއާގެ ދައުލަތުގެ އާމްދަނީގެ ހަތަރު ޕަސެންޓު ޖުޑީޝަރީއަށް ޚަރަދުކުރެއެވެ. ފިލިޕީންސްގެ 2024ވަނަ އަހަރުގެ ބަޖެޓަކީ 5.77 ޓްރިލިއަން ޕެސޯ (100.9 ބިލިއަން ޑޮލަރު) ކަމަށްވާއިރު، އޭގެ ތެރެއިން އެއް ޕަސެންޓަކީ އެ ގައުމުގެ ޖުޑީޝަރީއަށް ޚަރަދުކުރުމަށް ހިމަނާފައިވާ ބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ