ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކަކާއި އިއާޕޮޑް އަދި ހެޑްސެޓްތަކެއް މާފުށި ޖަލުން އަތުލައިފިއެވެ.
ފުލުހުން ބުނީ އެ އިދާރާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން އިނގިފައިވާކަމަށެވެ. އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހު މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއާޕޮޑް، ހެޑްސެޓް އަދި ފޯނު ޗާޖުކުރާ ކޭބަލްގެ އިތުރުން ސިމްކާޑު ފެނިފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
ސްކޭމް މަދުކުރުމަށްޓަކައި މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސްކޭމަރުންގެ އުކުޅުތައް ދުވަހެއް ދުވަހަކަށް ތަފާތުކުރަމުންދާއިރު ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކުން އަންނަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ 16000 ރުފިޔާ މަކަރާއި ހީލަތުން އަތުލި މީހަކުވެސް ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު މި މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހާއްސަ އޮޕަރޭޝަނެއްގައި 33 މޯބައިލް ފޯނާއި، އިއާޕޮޑް އަދި ހެޑްސެޓްތަކެއް މާފުށި ޖަލުން އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ