މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ޕާސަނަލް އެސިސްޓެންޓަކަށް ހުރި ސަނާހު ޕީއެންސީން ވަކިވެއްޖެ މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ޕާސަނަލް އެސިސްޓެންޓަކަށް ހުރި ސަނާހު ޕީއެންސީން ވަކިވެއްޖެ

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުއްވި އެ ޕީއެންސީގެ ސެނެޓު މެންބަރު، އިބްރާހިމް ސަނާހު (ސަންޓޯ) އެ ޕާޓީން މިއަދު ވަކިވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ސަންޓޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެނެޓު މެންބަރުކަމުންނާއި އެ ޕާޓީގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިވެއްޖައިން ކަމަށެވެ. އެ ޕޯސްޓުގައި މުއިއްޒު އާއި ޕީއެންސީގެ ރަސްމީ އެކައުންޓު ވެސް ޓެގު ކޮށްފައިވެ އެވެ.
ޕީއެންސީގެ މެންބަރުކަމުން ސަންޓޯ ވަކިވީ ސީދާ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން އޭނާގެ ބަހެއް ހޯދުމަށް މި ނޫހުން ކުރި މަސައްކަތުން އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ސަންޓޯއަކީ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ބޭފުޅާ އެވެ. އެ ދާއިރާގެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވި ނަމަވެސް، އެ ދާއިރާ ޕީއެންސީ ޓިކެޓު މުއިއްޒު ދެއްވީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލެއްވި، އެ ދާއިރާގެ މިހާރުގެ މެންބަރު، އަހުމަދު ރިޔާޒު އަށެވެ.
ޕީއެންސީގެ ލީޑަޝިޕާއި ސަނާހުއާ ދެމެދު ފުރަތަމަ ނުތަނަވަސްކަމެއް އުފެދުނީ އެ ސަބަބާހުރެ އެވެ. ޕީއެންސީގެ ޕްރައިމަރި ކާމިޔާބު ކުރައްވާފައި ވަނިކޮށް، އަމިއްލަ ކެންޑިޑޭޓަކަށް މުއިއްޒު ތާއީދުކޮށް، ތިމަރަފުށީގައި ހުންނަ ޕީއެންސީ ޖަގަހަ ރިޔާޒުގެ ކެމްޕޭނަށް ބޭނުން ކުރަން ފެށުމުން އެކަމާ ދެކޮޅަށް ސަންޓޯ އޭރު މުޒާހަރާ ވެސް ކުރި އެވެ.
ސަންޓޯއަކީ ރިޔާސީ އިންތިހާބުގެ ޓިކެޓު ރައީސް މުއިއްޒަށް ހޯދައި ދެއްވުމަށް ޕީޕީއެމްގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި އެކަކެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ސަނާހުއަކީ ރައީސް މުއިއްޒުގެ ޕާސަނަލް އެސިސްޓަންޓު ވެސްމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ