64.2 ގެ ބަޖެޓަކީ މުޖުތަމައުގެ ހަގީގަތްތައް ނުފެންނަ ބަޖެޓެއް: ޝާހިދު

ސަރުކާރުން މި އަހަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި 7 ބިލިއަން ރުފިޔާ ބޭރުގެ އެހީގެ ގޮތުގައި ހޯދަން ނިންމާފައި އޮތް ނަމަވެސް، ޕީއެންސީ ސަރުކާރުގެ މިހާތަނަށް، ދުނިޔޭގެ ބާޒާރުން ނުވަތަ ބައިލޭޓްރަލް އެއްވެސް ބައިވެރިއެއްގެ ފަރާތުން އެންމެ ރުފިޔާއެއްވެސް ހޯދިފައި ނުވާކަމަށް ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް ޢަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 
އަން އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި މި ނާކާމިޔާބީން ދައްކުވައިދެނީ އިގްތިސާދީ ސިޔާސަތު ފޭލިވެފައިވާ މިންވަރާއި، ހާރިޖީ ސިޔާސަތު ފޭލިވެފައިވާ މިންވަރު ކަމަށެވެ. ބޭރުގެ ގައުމުތަކުން އިތުބާރު ގެއްލިފައިވުމުގެ ސަބަބުން މިހާރު ގައުމަށް އެތެރޭގައިވެސް ގެއްލުންވަމުން ދާކަމަށް ޝާހިދު ވިދާޅުވިއެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ ގުޅުމެއް ނެތް، އިގްތިސާދީ އަސާސްތަކާ ދުރު، އަދި މުޖުތަމައުގެ ހަގީގަތްތައް ނުފެންނަ ބަޖެޓެކެވެ.
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ވިޔަފާރިތައް ކުރިއަރަމުން ނުދިޔުމުގެ ސަބަބުން ތަފާތު ދަތިކަންތައްތަކާ މީހުނަށް މިހާރުވެސް ކުރިމަތިލާން ޖެހިފައިވާއިރު، އަންނަ އަހަރު މިކަންކަން ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއް މި ބަޖެޓުން ނުދައްކާ ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 64.2 ބިލިޔަނުގެ ބަޖެޓްގައި ސާފު މިސްރާބެއް، އެއްވެސް ލުޔެއް ނެތް ކަމަށާއި އިތުބާރެއްވެސް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
" އަނެއްކާވެސް އަނެއް އަހަރު ގެއްލިގެން މިދަނީއެވެ. އޭގެ ސަބަބުން ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާނެއެވެ" އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ