ގްރެމީ އެވޯޑްސްއަށް އައު ފަސް ކެޓެގަރީ އިތުރުކޮށްފި
ދުނިޔޭގެ މިއުޒިކީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު އެވޯޑެ ކަމަށްވާ 'ގްރެމީ އެވޯޑްސް'އަށް އަލަށް ފަސް ދާއިރާއެއް އިތުރުކޮށް، 'ބެސްޓް ނިއު އާޓިސްޓް' ކެޓަގަރީއަށް ބަދަލުތަކެއް ގެނެސްފިއެވެ. އަލަށް އިތުރުކުރި ފަސް ދާއިރާގެ އިތުރުން، ބައެއް ކެޓަގަރީތަކަށް ޝަރުތު ހަމަވާ އުސޫލުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 'ބެސްޓް ނިއު އާޓިސްޓް' (އެންމެ މޮޅު އާ ފަންނާނު) ހޮވާ އުސޫލަށް ގެނައި ބަދަލެވެ. މި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 69 ވަނަ ގްރެމީ އެވޯޑްސްގައި އަލަށް ހިމަނަން ނިންމި ދާއިރާތަކުގެ ތެރޭގައި، ބެސްޓް އޭޝިއަން ޕޮޕް މިއުޒިކް ޕާފޯމަންސް، ބެސްޓް ލެޓިން ސޯންގް، ބެސްޓް އާރް އެންޑް ބީ ކޮލަބްރޭޝަން އޯ ޑުއޯ/ގްރޫޕް ޕާފޯމަންސް، ބެސްޓް ޓްރެޑިޝަނަލް ޕޮޕް ވޯކަލް ޕާފޯމަންސް އަދި ބެސްޓް ޓްރެޑިޝަނަލް ފޯކް އެލްބަމް ހިމެނެއެވެ. އެކަޑަމީން މިދިޔަ ހަފްތާތެރޭ އިއުލާނުކުރި ގޮތުގައި، 'ބެސްޓް އޭޝިއަން ޕޮޕް މިއުޒިކް ޕާފޯމަންސް' ދާއިރާއަކީ ކޭ-ޕޮޕް، ޖޭ-ޕޮޕް އަދި ސީ-ޕޮޕް ފަދަ އޭޝިއާގެ މިއުޒިކް އުފެއްދުންތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ. އެމެރިކާގެ މަޝްހޫރު ރެޕަ ކެޑްރިކް ލާމާ މިދިޔަ އަހަރުގެ ގްރެމީ އެވޯޑްސްގައި ކާމިޔާބުކުރި ފަސް އެވޯޑާ އެކު -- ފޮޓޯ/ ދަފޭޑާ މީގެ އިތުރުން، 'ބެސްޓް ޓްރެޑިޝަނަލް ޕޮޕް ވޯކަލް ޕާފޯމަންސް' ދާއިރާ ޚާއްސަކުރެވިފައި ވަނީ މިހާރުގެ ޒަމާނީ ޕޮޕް މިއުޒިކާ އެއްގޮތް ނޫން، ސަގާފީ ސިފަތައް އެކުލެވޭ ލަވަތަކަށް ކަމަށް އެކަޑަމީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި 'ބެސްޓް ލެޓިން ސޯންގް' ކެޓަގަރީ މެދުވެރިކޮށް، މައިގަނޑު ގޮތެއްގައި ސްޕެނިޝް ބަހުން ތައްޔާރުކޮށްފައިވާ ލެޓިން ލަވަތަކުގެ މިއުޒިކް ކޮމްޕޯޒަރުންނާއި ޅެންވެރިންގެ މަސައްކަތްތައް ބަލައިގަންނާނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އާރް އެންޑް ބީ އަދި ފޯކް މިއުޒިކްގެ ދާއިރާތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. 'ބެސްޓް އާރް އެންޑް ބީ ސޯލޯ ޕާފޯމަންސް' ކެޓަގަރީ އާ ފަރުމާއަކަށް ބަދަލުކޮށް، 'ބެސްޓް އާރް އެންޑް ބީ ކޮލަބްރޭޝަން އޯ ޑުއޯ/ގްރޫޕް ޕާފޯމަންސް' އެވޯޑް ވަނީ އަލަށް ތައާރަފްކޮށްފައެވެ. މީގެއިތުރުން ފޯކް މިއުޒިކް ކެޓަގަރީއަށް ވެސް ވަނީ މިދިޔަ އަހަރު ކަންޓްރީ މިއުޒިކަށް ގެނައި ފަދަ ބަދަލެއް ގެނެސްފައެވެ. އެގޮތުން 'ބެސްޓް ފޯކް އެލްބަމް'ގެ ނަން 'ބެސްޓް ކޮންޓެމްޕަރަރީ ފޯކް އެލްބަމް'އަށް ބަދަލުކޮށް، 'ބެސްޓް ޓްރެޑިޝަނަލް ފޯކް އެލްބަމް'ގެ ނަމުގައި އާ ދާއިރާއެއް ވަނީ އިތުރުކޮށްފައެވެ. އާ ކެޓަގަރީތަކުގެ އިތުރުން 'ބެސްޓް ނިއު އާޓިސްޓް' ކެޓަގަރީއަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ކުރިން ތިން ފަހަރު ކުރިމަތިލެވޭ ގޮތަށް އޮތް އޮތުން ހަތަރު ފަހަރަށް އިތުރުކުރުމެވެ. މިއީ މިހާރުގެ މިއުޒިކް އިންޑަސްޓްރީގައި ފަންނާނަކު މަޝްހޫރުވެ ކުރިއަރައި ދިއުމަށް ގިނަ ދުވަސްތަކެއް ނަގާތީ، އެކަމަށް ރިއާޔަތްކޮށް ގެނައި ބަދަލެކެވެ. ގްރެމީގެ އާ ގަވާއިދު ބުނާގޮތުން، ކުރިން ނެރެފައިވާ އުފެއްދުންތަކުގެ އަދަދަށް ވަކި ވަކި ހިފެހެއްޓުމެއް ނެތް ނަމަވެސް، ސްކްރީނިންގް ކޮމިޓީއަކުން އެ ފަންނާނަކީ އެ އަހަރުގެ ކުރިން މިއުޒިކީ ދާއިރާގައި ބޮޑު ނުފޫޒެއް ނުވަތަ ކާމިޔާބީއެއް ހޯދާފައިވާ މީހެއްތޯ ބަލާނެއެވެ. މީގެ ކުރިން ގްރެމީ އެވޯޑަކަށް ނޮމިނޭޓްވެފައިވާ ފަންނާނުންނަށް މި ކެޓަގަރީއަށް ކުރިމަތި ނުލެވޭނެއެވެ. މީގެ އިތުރުން، ވޯޓު ދިނުމުގެ ޝަރުތު ހަމަވާ ބައެއް މެންބަރުންނަށް މިހާރު އިތުރު ދާއިރާތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ރެކޯޑިންގް އެކަޑަމީގެ ސީއީއޯ ހާވީ މޭސަން ޖޫނިއާ ވިދާޅުވި ގޮތުގައި، 2027 ވަނަ އަހަރަކީ ގްރެމީ އެވޯޑްސްއަށް ތާރީޚީ އަހަރަކަށް ވާނެއެވެ. އަދި މި ގެނެވުނު ބަދަލުތަކަކީ މިއަދުގެ މިއުޒިކް އިންޑަސްޓްރީގެ ފުޅާކަމާއި، އޭގައި ހިމެނޭ ތަފާތު ވައްތަރުތަކާއި އުފެއްދުންތެރިންގެ މަސައްކަތް އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭނެ ބަދަލުތަކެއް ކަމަށް ހާވީ މޭސަން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ