ފިހާރައަކަށް ވަދެ މުވައްޒަފުންނަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައެއް؛ އަދި މީހަކު ހައްޔަރުނުކުރޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ވަދެ، އެ ފިހާރައިގެ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލައިގައި އަދި މީހަކު ހައްޔަރުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފުރަތަމަ ފެންނަނީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުންނަ ފިރިހެނަކު ފިހާރައެއްގެ ތެރޭ ބަހައްޓައިފައި ހުރި މޮނީޓަރެއް އަނބުރައިލާ މަންޒަރެވެ. ދެން ފެންނަނީ އެ މީހާ މުވައްޒަފުންނަށް އިނގިލި ދިއްކޮށް، ވާހަކަދައްކާ މަންޒަރެވެ. އެއަށްފަހު، އެ މީހާއާ ގާތުގައި ހުރި ބިދޭސީ މުވައްޒަފުގެ ގައިގައި އަތްލަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. ދެން މޮނީޓަރު ވައްޓައިލުމަށްފަހު އެ މީހާ ފިހާރައިން ވަނީ ނިކުމެފައެވެ. މި ވީޑިއޯ ކެމެރާއަށް އެރި ކަމަށް ދައްކަނީ ފަތިހު 4:30 ހާއިރެވެ. ވީޑިއޯ އާންމުކޮށް ކުރި ޕޯސްޓުގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ޓަވަރު ބީ ގައި ހުންނަ ފިހާރައަށް މަސްތުގެ ހާލުގައި ހުރި މީހަކު ވަދެ، އެ ތަނުގެ މުވައްޒަފުންނަށް އިންޒާރުދީ، މުދަލަށް ގެއްލުން ދިނުމަށްފަހު މާރާމާރީ ހިންގި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާކަން ހާމަކޮށް، މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ