ކާޑެއްދޫ އެއާޕޯޓުގެ ފެންވަރާ މެދު ކޮމިޓީގެ ބޮޑެތި ކަންބޮޑުވުންތަކެއް

ގދ. ކާޑެއްދޫ އެއާޕޯޓްގެ ފެންވަރު ދަށްވެ، އެތަން ހިންގާ ވިލާ އެއާ މެދު އޮތް ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި މިއަދު ބަންޑުންކޮށްލައިފި އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓްގެ ފެންވަރު ދަށްވެ، އެތަން ހިންގާ ވިލާ އެއާ މެދު އޮތް ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި މިއަދު ބަންޑުންކޮށްލައިފި އެވެ.  
ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ އަށް ދީފައި ވަނިކޮށް ޖެނުއަރީ 2017 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލި އެވެ.ނަމަވެސް، 2018 ވަނަ އެތަން އަނބުރާ ދޭން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމު ކޯޓުން ވެސް ތާއީދުކުރުމުން، ކާޑެއްދޫ އެއާޕޯޓު ހިންގުން ވިލާ އެއާ އާ އަލުން ހަވާލުކުރީ މާޗް 2022 ގަ އެވެ. 
ނަމަވެސް، އޭގެ ފަހުން މިވީ ތިން އަހަރެއްހާ ދުވަހުގެ މުއްދަތުގައި އެތަނުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ބޮޑުވެ، އެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. 
އެ މައްސަލަ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ބަލަމުންދާ އިރު، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިމްލީ ވިދާޅުވީ، ސަލާމަތީ ގޮތުން ވެސް ފެންވަރު ދަށްވެ، އެއާޕޯޓު ހިންގުމުގެ ހުއްދަ ނުދެވޭ ހިސާބަށް ތަނުގެ ހާލަތު ވެއްޓިފައިވާ ކަމަށެވެ. 
ނަމަވެސް، އެތަނުގެ ފެންވަރުގެ އެސެސްމަންޓެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުހަދާ ކަމަށް ބުނެފައިވާތީ، އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. 
ސައުދުﷲ ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމެއް ވިލާ އެއާ އިން ގެންގުޅޭ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެހެންކަމުން، އެ އެއާޕޯޓު ހިންގުން، ވިލާ އެއާ އަތުން އަތުލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
"އެއާޕޯޓު ހިންގަން ދީފައި މިއޮތީ ހަތް އަހަރަށް. އެކަމަކު ތިން އަހަރު ވެގެންދިޔަ އިރު އެތަން ދިން ހާލަތަށް ވުރެ ގޯސްކޮށް އެ އޮތީ. އެހެންވީމާ، ދެން ބާކީ މި އޮތް މުއްދަތުގައި ވެސް އެތަން ތަރައްގީ ކުރެވޭނީ އެތަން އަތުލައިގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ސައުދުﷲ ވިދާޅުވި އެވެ. 
އެކަމާ ގުޅިގެން، ކޮމިޓީގެ މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަލީ ފަޒާދު ވިދާޅުވި ގޮތުގައި، މި މައްސަލާގައި ވިލާ އެއާގެ އިސް ބޭފުޅުން އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 
އެއާ އެކު، ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވަނީ، ސިވިލް އޭވިއޭޝަނާއި ވިލާ އެއާ އާ ދެމެދު ވެފައިވާ އެއްބަސްވުމާއި ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތް ނަމަ، އެ ޕްލޭން ވެސް ހޯދުމަށް ހުށަހަޅުއްވައިފަ އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމައިލީ، މައުރޫފްގެ ހުށަހެޅުއްވުމާ އެކު، ސިވިލް އޭވިއޭޝަންގެ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ