އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް 4-1 ގެ ނަތީޖާއަކުން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން ނިއުކާސަލް ޔުނައިޓެޑަށް 56 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު 32 މެޗުން ލިބުނު 38 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.
ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ އަތުން މޮޅުވެފައިވާއިރު، ލީގުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި މެންމެންޗެސްޓަރ ސިޓީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް އިންނެވެ.
Advertisement
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނިއުކާސަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އެވެ. މިއީ އެޓީމު ފޯވާޑް އެލެގްޒެންޑަރ އިސާކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ނިއުކާސަލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހާވީ ބާންސް އެވެ. އަދި އޭގެ 13 މިނެޓް ފަހުން ބާންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ބުރޫނޯ ގުއިމަރޭޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މީގެ އިތުރުން މިއީ 1930/31 ވަނަ އަހަރުގެ ފަހުން އެއް ސީޒަނެއްގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ލީގު (ހޯމް އެންޑް އަވޭ) ދެ މެޗުން ނިއުކާސަލް މޮޅުވި ފުރަތަމަ ފަހަރެވެ.
ފަސޭހަކަމާއެކު ޔުނައިޓެޑް ބަލިކޮށް ނިއުކާސަލް ހަތަރުވަނައަށް ކުރިއަށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ