ޚާއްސަ ލައިސަންސާ ގުޅިގެން ކުރިން ދޫކޮށްފައިވާ ލައިސަންސްތައް ބާތިލެއްނުވާނެ: ވުޒާރާ

60 އަހަރުން މަތީގެ މީހުންނަށް ދޫކުރަން ނިންމާފައިވާ ޚާއްސަ ލައިސަންސާ ގުޅިގެން، މީގެ ކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ޤަވާއިދަށް ގެނައި 2 ވަނަ އިސްލާހުގައި ބުނެފައިވަނީ، ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ލައިސަންސެއް ދޫކުރެވޭނެ ކަމަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސަކީ 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެކެވެ. މި ޤަވާއިދާ ގުޅޭގޮތުން އޮޅުން އަރާގޮތަށް ބައެއް މަޢުލޫމާތުތައް ފެތުރެމުންދާތީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މި އުސޫލާ ގުޅިގެން މީގެކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ ކަމަށެވެ. "މީގެކުރިން ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރުވެފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތް," ވުޒާރާގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. ވުޒާރާއިން އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ހުއްދައެއް ޤަވާއިދުގެ ތެރެއިން ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، ލައިސަންސާ ގުޅޭ އާންމު އިމްތިހާނުތައް ފުރިހަމަކުރުމާ ނުލައި، ފަސޭހައިން މި ފުރުޞަތު ލިބޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ