ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު އިމާރާތެއް އެންޑީއޭއަށް ހޯދައިދިނުމަށް މަސައްކަތް ކުރާނަން: ވަޒީރު އިޙްސާން

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު އިމާރާތެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ. 
ވަޒީރު އިޙްސާން ވިދާޅުވީ އެންޑީއޭގެ ގިނަ މަސައްކަތްތަކެއް ގްރީންގެ އިމާރާތުގައި ކުރަމުން އަންނައިރު، އެ އިމާރާތަކީ އެ މަސައްކަތްތައް ކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫންކަމަށެވެ. އަދި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. "މިހާރު އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތަކީ އެ މަސައްކަތްތައް ކުރުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން. ޖާގައިގެ ދަތިކަން ވަރަށް ބޮޑު. އެހެންކަމުން އިތުރު އިމާރާތެއް އެންޑީއޭއަށް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ވަޒީރު ވިދާޅުވިއެވެ. އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ހުރި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަޔަކާ ގުޅިގެން ނަމަވެސް، ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "މިތަން ހަދަންޖެހޭނެ ކަމަށް ޤަބޫލުކުރަނީ. ބަޔަކާ ގުޅިގެން ނަމަވެސް ދައުލަތުގެ ބަޖެޓަށް ބުރަ ނުވެ މިތަން ހެދޭތޯ މަސައްކަތްކުރާނަން،" ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު ފެށޭނެ ތާރީޚެއް ނުވަތަ ނިމޭނެ މުއްދަތެއް ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، އެންޑީއޭގެ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަން ވަޒީރުގެ ބަސްފުޅުން ހާމަވެގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ