2023ގެ ފަހުން އަޑުއެހުމެއް ނުބާއްވާ ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މި މަހު 28އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަަޑުއެހުމެއް މި މަހުގެ 28އަށް ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ އެ މުއާމަލާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ:
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ތަފްސީލް - ޔާމީންގެ ގާނޫނީ އިސް ވަކީލު އަދި އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ތާވަލުކޮށްފައިވާކަން ކްރިމިނަލް ކޯޓުން ވަނީ އަންގައިފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޮގަސްޓް 2023ގަ އެވެ. އޭގެ ފަހުން އޮގަސްޓް 2024ގައި ވެސް އަޑުއެހުމެއް ތާވަލުކުރުމަށް ފަހު، ތާވަލުން އެ އަޑުއެހުން ނެގި އެވެ.
ފުލުފުލުގައި ޖެހިޖެހިގެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށް ފަހު މައްސަލަ ކޯޓުގައި މަޑުޖެހުނީ، ކޯޓުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނާ ގޮތުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ހެކިބަސް ނެގުމުގައި ދަތިތަކެއް ދިމާވުމުންނެވެ. އެގޮތުން:
ދައުލަތުގެ ފަރާތުން ހެކިބަސް ނުނެގި އޮތް ހެކިވެރިޔަކީ އެ މައްސަލާގައި ހުށަހަޅާފައިވާ އެންމެ ފަހުގެ ހެކިވެރިޔާ، ސަން ކޮންސްޓްރަކްޝަނުގެ ފައިނޭންސް ޑިރެކްޓަރު ސްރިތަ ކުމާރު ތިއަގަ ރާޖާ
އެންމެ ފަހުން މިދިޔަ އަހަރު ތާވަލުކުރި އަޑުއެހުމުގައި އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ހަމަޖެއްސީ ކޯޓަށް ހާޒިރުކޮށްގެން؛ ނަމަވެސް އޭރު އޭނާ ރާއްޖޭން ބޭރުގައި ހުރުމުން ދައުލަތުން އެދިގެން އެ ފަހަރު ކޯޓުން އަޑުއެހުން ކެންސަލްކުރި
މީގެ ކުރިން އެ ހެކިވެރިޔާގެ އަޑުއެހުން އޮންލައިންކޮށް ނަގަން މަސައްކަތްކުރި ނަމަވެސް އަޑު ސާފުނުވާތީ، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ހެކިވެރިޔާގެ ހެކިބަސް އޮންލައިންކޮށް ނެގުން ރައްކާތެރި ނޫން ކަމަށް
ފާހަގަކުރެވޭ - މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އެގޮތުން:
މި މައްސަލާގައި ކްރިމިނަލް ކޯޓުން ފުރަތަމަ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި
2023ގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ، ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް އެ ހުކުމް ދެމިއޮތުމުންނާއި ހުކުމް ދެމިއޮތްހާ ހިނދަކު ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން
ޔާމީނާއި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ހުކުމްކުރީ މިދިޔަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ