ހުލާސާކޮށް އިއްޔެ؛ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުން މައްސަލައަކަށް ނުވި! ހުލާސާކޮށް އިއްޔެ؛ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުން މައްސަލައަކަށް ނުވި!

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދޮގު މައުލޫމާތު ދީފައިވާތީ ފަނޑިޔާރުގެ ފަރާތުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފަނޑިޔާރު އަޒްމިރާލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވެ އެވެ. ފުލުހުން ނިންމީ އެ މައްސަލަ ވެސް ނުބެލުމަށެވެ.
މައްސަލަތަށް ނުބަލާން ނިންމީ އެ ދެ މައްސަލަ ބެލުމަށް އެކަށީގެންވާ ސަބަބެއް ނެތް ކަމުގައި ދެކޭތީ ކަމަށް ފުލުހުން ބުންޏެވެ.
"އިސްވެދެންނެވުނު ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަމަކީ، އެ މައުލޫމާތު ބަލައިގަތް އިދާރާ [ޖޭއެސްސީ] އިން ވަޒަންކޮށް އެއާއިމެދު ގޮތެއް ނިންމުމުން ނޫނީ ތިޔަ ފަރާތުން ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ކަމުގައި ނުވާތީ.." ޝާމިލް އާ ގުޅޭ މައްސަލަ ނުބަލަން ނިންމި ސަބަބުގެ ގޮތުގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނި ނަމަވެސް، އަޒްމިރާލްދާ އާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރީ އޭސީސީގެ ސިޓީއަށް ރިއާޔަތްކުރުމަށްފަހު އެވެ. ސަސްޕެންޑު ކުރި ފަހުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައި ކަމެއް މިހާތަނަށް އޭސީސީ އާއި ޖޭއެސްސީން ވެސް ނުބުނެ އެވެ. އާރުޓީއައި ހުށަހެޅުމުން ވެސް އޭސީސީއިން ވަނީ އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހަދައިފަ އެވެ.
ސަބަބެއް ކަމަށް ބުނީ ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅޭ މައުލޫމާތު ކަމަށް ދެކޭތީ، އެ ތަފުސީލުތައް ހިއްސާކުރެވެން ނެތް ކަމަށެވެ. އޭސީސީން ވަނީ މައްސަލަ ހުށަހެޅި ތާރީހާއި ވަގުތު ވެސް ހިއްސާނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
މިއީ މިފަހުގެ ތާރީހެއްގައި ފަނޑިޔާރުގެއާ ގުޅޭ ތަހުގީގެއްގައި އޭސީސީން މިހާ އަވަހަށް ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ. އޭސީސީގެ ތަހުގީގުތައް އެ ތަނުގައި ރަޖިސްޓްރީ ކުރުމަށް ފަހު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެވެ. އެ ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލައިލުމުން ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް ބައިކުޅަބައި މަސައްކަތް ވެސް ނުކުރެވޭކަން ސާފުކޮށް އެނގެ އެވެ.
މި މައްސަަލައާ ގުޅިގެން ޝާމިލް އާ މި ނޫހުން ސުވާލުކުރުމުން އޭނާ ވަނީ ޖަވާބު ދޭން ދެކޮޅުހައްދަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ