5،000 ޓަނުގެ ފެން އުފައްދާ ދެވަނަ އާރްއޯ ޕްލާންޓު ހުޅުމާލޭގައި ބޭނުން ކުރަން ފަށައިފި
ފަސްހާސް ޓަނުގެ ފެން އުފައްދާ ދެވަނަ އާރްއޯ ޕްލާންޓު ހުޅުމާލޭގައި މިއަދު ބޭނުން ކުރަން ފަށައިފިއެވެ. މާލެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ސަރުކާރު ކުންފުނި، އެމްޑަބްލިއުއެސްސީން ބުނީ، އެ ޕްލާންޓު ބޭނުންކުރަން ފެށުމުން މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން ހަރުދަނާ ވާނެ ކަމަށެވެ. އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، އޮންނަ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް އެ ޕްލާންޓަކީ އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ފާހަގަކުރެވޭ ގޮތުގައި، މިއީ ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ބެހެއްޓި 5،000ޓަނުގެ ފެން އުފައްދާ ދެވަނަ ފެން ޕްލާންޓެވެ. https://x.com/MWSC_Official/status/2022159483385131052 އޭގެކުރިން މިދިޔަ އޮގަސްޓު 17ގައި ވަނީ، ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ރައްކާކުރާ ތާނގި ކަމަށްވާ، 10،000 ޓަނުގެ ތާނގި ހުޅުމާލޭގައި ބޭނުން ކުރަން ފަށާފައެވެ. އެ ތަން އެމްޑަބްލިއުއެސްސީން ގާއިމުކުރީ 34.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެނެވެ. އިތުރު ތަފްސީލު ހިއްސާކުރައްވައި ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، އެންމެ އިސްކަންދީގެން ކުރަނީ ފެނުގެ ޔަގީންކަން ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. https://sun.mv/210085 އެ މަސައްކަތަށް 300 މިލިއަން ރުފިޔާ ހަމަޖައްސައިފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. އޭގެއިތުރުން، ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް 13،000 ޓަނުގެ ދެ ފެން ޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ކުރާކަން މަތީން ފާހަގަކުރެއްވިއެވެ. މި ފަހުން މާލެއަށް އެންމެ ބޮޑު ފެނުގެ ކާރިސާއެއް ކުރިމަތިވީ 2014ވަނަ އަހަރެވެ. އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ އިންޖީނެއްގައި ރޯވެ ހިނގި ހާދިސާއަކާ ގުޅިގެން ހަފުތާއަކަށްވުރެ ގިނަ ދުވަހު މުޅި މާލެ ފެނަށް ޖެހުނެވެ. އެ ދުވަސްވަރު، ފެނަށް ޖެހުމުން، އަވަށްޓެރި ގިނަ ގައުމުތަކަކުން ވަނީ އެތައް ޓަނެއްގެ ފެން ރާއްޖެ ހަދިޔާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ