ގައިން ގަޔަށް ނާރާ ބަލިތަކަކީ، މިއަދު ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މީގެ ތެރެއިންވެސް ކިޑްނީގެ ބަލިތަކަކީ، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތަޙައްމަލް ކުރަމުންދާ އެއް ބައްޔެވެ. ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުން، މިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމުގައި ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑެވެ. ޑައިލަސިސް ހެދުމަކީ، ކޮންމެ ހަފުތާއަކު މަދުވެގެން ދެ ފަހަރު ނުވަތަ ތިން ފަހަރު ކުރަންޖެހޭ ކަމަކަށް ވުމުން، އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ބަޔަކަށް އޮންނަނީ، މާލެއަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވެފައެވެ.
މިފަދަ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހުނު އެކަކީ، ށ. ކޮމަންޑޫއަށް އުފަން އުމުރުން 65 އަހަރުގެ މުޙައްމަދު ޒާހިރެވެ. ޒާހިރުގެ ކިޑްނީ ބަލީގެ ފަރުވާއަށްޓަކައި 2018 ވަނަ އަހަރު އާއިލާއާއެކު މާލެއަށް ބަދަލުވީ، ދިރިއުޅުމުގެ އެތައް އުފާތަކެއް ގުރުބާންކޮށްފައެވެ. ވިލިމާލޭގައި ދިރިއުޅުން އާރާސްތު ކުރި ނަމަވެސް، މާލޭގެ ތާށި ދިރިއުޅުމާއި ބޮޑު ކުލީގެ ސަބަބުން އެ އާއިލާއަށް ކުރިމަތިވީ ބޮޑެތި ގޮންޖެހުންތަކެކެވެ. ޒާހިރުގެ އަންހެން ދަރިފުޅު މަރިޔަމް ޒާހިޔާ އެ ދުވަސްތަކުގެ ހަނދާންތައް އާކުރީ ނުހަނު ހިތާމައާއެކުގައެވެ.
"އަޅުގަނޑުގެ ބޮޑަށް ތިބޭނީ ދެ ދައްތަ، ބައްޕައަށްވެސް މަސައްކަތެއް ނުކުރެވޭނެ، މަންމަވެސް އުޅެނީ ވަޒީފާގައެއް ނޫން. ތަނެއް ކުއްޔަށް ނަގައިގެން ހުރުމަކީ ވަރަށް ދަތިކަމެއް އެތާނގައި. ނަމަވެސް ރަށުގައި ޚިދުމަތް ނުލިބޭތީ، މާލެދާން މަޖުބޫރުވެފައި އޮތީ،" ޒާހިޔާ ކިޔައިދިނެވެ.
ޒާހިޔާ ފާހަގަކުރި ގޮތުގައި އެއްބަނޑު އެއްބަފާ ހަތަރު ކުދިން ތިބި ނަމަވެސް، މާލޭގެ ކުލި ދެއްކުމާއި ބައްޕަގެ ބޭސްފަރުވާއަށް ހިނގާ އިތުރު ޚަރަދުތަކުގެ ސަބަބުން ދަތިތަކާއި ކުރިމަތިވިއެވެ. ނަމަވެސް، މިއަދު އެ އާއިލާގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ. އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ށ. ކޮމަންޑޫގައި ޑައިލަސިސްގެ ޚިދުމަތް ޤާއިމްކުރުމާއެކު، ޒާހިރުގެ އާއިލާއަށް ވަނީ އަމިއްލަ ފަސްގަނޑަށް އެނބުރި ދިއުމުގެ ފުރުސަތު ލިބިފައެވެ.
"މިހާރު ދެން ރަށުން މި ޚިދުމަތް ފަހިވުމަކީ، ލިބުނު ވަރަށް ބޮޑު ފަސޭހައެއް. އެކޮޅުގައި އެހާ ޚަރަދު ބޮޑުކޮށް އުޅެފައި ނަމަވެސް ރަށުގައި އަމިއްލަ ފަސްގަނޑުގައި ޑައިލަސިސްގެ ޚިދުމަތް ލިބުމަކީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށްވެސް ލިބޭ،" ޒާހިޔާ ޝުކުރުވެރި ކަމާއެކު ބުންޏެވެ.
ޒާހިރުގެ އާއިލާއަކީ، މި ޚިދުމަތުގެ ސަބަބުން އުފާވެރިކަން ލިބުނު އެތައް އާއިލާއެއްގެ ތެރެއިން އެއް އާއިލާއެވެ. މިއަދު ޒާހިރު ޑައިލަސިސް ހަދަނީ، އަމިއްލަ ރަށުގެ ހިތްފަސޭހަ މާހައުލުގައެވެ. އާއިލާގެ ގާތުގައެވެ. މާލޭގެ ކުޑަ ކޮޓަރިއެއްގައި ހޭދަކުރި ހާސް ކަންބޮޑު ދުވަސްތައް މާޒީވެ، އަމިއްލަ ފަސްގަނޑުގައި ހުރެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބުމަކީ، ކޮމަންޑޫގެ އެތައް ރައްޔިތުންނަކަށް ލިބުނު ބޮޑު އުއްމީދެކެވެ.
"ޙަޤީޤަތުގައި މިކަމަކީ މިރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް. ކޮމަންޑޫގެ ޞިއްޙީ ނިޒާމު ފުޅާވެގެންދާނެ ކަމެއްމީ" ކޮމަންޑޫ ރައްޔިތަކު ފާހަގަކުރިއެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމު ފުޅާކޮށް، މާލެއަށް ބަރޯސާނުވެ އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ލިބޭނެ ގޮތް ހެދުމަކީ، މިހާރުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 11 ރަށެއްގައި ޑައިލަސިސްގެ ޚިދުމަތް ވަނީ އަލަށް ފަށާފައެވެ.
"އަމިއްލަ ރަށުން ޑައިލަސިސްގެ ޚިދުމަތް ފަހިވުމުން ޒާހިރު އެނބުރި ރަށަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ