ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ހައްގުވާނޭ ކަމެއް ކަމަށާއި ވަކީން ހާއްސަކޮށް ހުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ހުރުމަތްތެރިވެގެންވާ މައްސަރުތައް“ މި މައުޟޫއުއަށް މިއަދު ދިން ހުތުބާގައި ބުނީ, اللهُ سُبْحَانَهُ وَتَعَالَىގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތް ކުރައްވާފައިވާ ކަމަށާއި އެއީ އަޅުތަކުން އެކަލާނގެ ހަޒުރަތަށް ކުއްތަންވުމަށާއި މާތް الله ގެ ޝިޢާރުތައް މަތިވެރިކޮށް، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން ހައްޖަތުލްވަދާއުގައި މާތް ނަބިއްޔާ އެ މައްސަރުތަކަކީ ކޮބައިކަން އުންމަތަށް ބަޔާންކޮށްދެއްވާފައިވާ ކަމަށް ބުންޏެވެ. އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ހަމަކަށަވަރުން، މާތް الله، އުޑުތަކާއި ބިން ހެއްދެވި ދުވަހެކޭ އެއްގޮތަށް އަހަރުގެ މަސްތައް ވަނީ އިއާދަވެފައެވެ. އަހަރަކީ، ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ހުރުމަތްތެރިވެގެންވާ ހަތަރު މަސް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސްކަމުގައިވާ، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހެވެ. އަދި ޖުމާދަލްއާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ، މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަހެވެ.“
ހުރުމަތްތެރިކުރެވިގެންވާ މައްކާގެ ހަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަމުގެ ބޮޑުކަން ބަޔާންކުރައްވައި، މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އަދި އެ ތާނގައި އަނިޔާވެރިކަމާއެކު، ދީނާ ހިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި އަޒާބުން ރަހަދައްކަވާހުށީމެވެ.“
ހުތުބާގައި ބުނީ, މިފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން، މުއުމިނު އަޅާގެ މައްޗަށްވަނީ، އަޅުކަމުގައި ހީވާގިވުން ކަމަށެވެ. އެގޮތުން މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޒިކުރުކުރުމާއި ދުއާކުރުމާއި ކީރިތި ގުރުއާން ކިޔެވުމާއި ތަސްބީޙައާއި ތަޙުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުން ހިމެނެ އެވެ.އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމާއި ރޯދަހިފުމާއި ސަދަގާތްކުރުމާއި އަނިޔާ ލިބިފައިވާ މީހާއަށް ނަސްރުދިނުމާއި ނިކަމެތީންނަށް އެހީތެރިވުމާއި މުސީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަކުރުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, މި ވަގުތުތަކުގައި ހިތުގެ އަޅުކަންތައްތަކުން ފައިދާ ހާސިލުކުރަންވާނެ ކަމަށާއި އަދި އީބަބުނުމާއި ދޭތެރެޖެއްސުމާއި ދޮގުހެދުމާއި މީހުންނަށް އެއްޗެހި ގޮވުމާއި ލައުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުން ހިމެނޭ ކަމަށެވެ. އަދި ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި އެކަލާނގެ ލޯބިވެވޮޑިގަތުމާއި ފާފަފުއްސެވުމާއި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތަކާއި މަގާމުތަކަށް ވާސިލުވުމަށް އެމީހެއްގެ ނަފުސު އެދި މަސައްކަތްކުރާ މީހާ ކަމަށްވެސް ބުންޏެވެ.
ހުރުމަތްތެރިވެގެންވާ މައްސަަރެއްގައި އަމިއްލަ ނަފުސަށް އަނިޔާވެރިވުމުގެ ނުބައިކަން ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ