ފަހު ނޭވާގައި ޖެހި ލަނޑުން ނަޕޯލީއަށް ދެވަނަ މޮޅު
ފަހު ވަގުތު ޖެހި ލަނޑާ އެކު، އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީން ކަގްލިއާރީ ބަލިކޮށްފިއެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީންނެވެ. ނަމަވެސް، މިއާއެކު ވެސް މެޗުގެ ބޮޑުބައިގައި ކަގްލިއާރީންވަނީ ނަޕޯލީން އުފެއްދި ގިނަ ހަމަލާތައް ވަރަށް ރަނގަޅަށް ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތު ދެއްކުމާ އެކު އެއްވަރުވެގެން ނިމިދާނެ ކަމަށް ހީވެފައިވަނިކޮށް ނަޕޯލީއަށް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އަންޑްރޭ ފްރޭންކް ޒަމްބޯ އަންގުއިސާއެވެ. މި ލަނޑާ އެކު ލިބުނު ކާމިޔާބީއާ އެކު ނަޕޯލީ މިހާރު މިވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރެއިން އޭ އެސް ރޯމާއާއި ޕީސާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް، ރޯމާއިން ވެސް ވަނީ ދެވަނަ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގައި ރޯމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނެޓުގައި މަތިއަސް ސައުލޭއެވެ. ޕާމާއާއި އެޓަލަންޓާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ލީޑު މެޗުގެ 79 ވަނަ މިނެޓުގައި މާރިއޯ ޕަސަލިޗް ޖަހައިދިން ލަނޑުން އެޓަލާންޓާ ނެގި ނަމަވެސް ޕާމާއިންވަނީ މެޗުގެ 85 ވަނަ މިނެޓުގައި ޕެޓްރިކް ކުޓްރޯން ޖަހައިދިން ލަނޑު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ބޮލޯނިއާ އާއި ކޯމޯ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ބޮލޯނިއާވަނީ ސީޒަންގެ ފުރަތަމަ ކާމިޔާބީ ހާސިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ