ޓެކާސް ސައުތު ކާފު ޒޯނުގެ ޗެމްޕިއަންކަން ދަ މެރީނާއަށް

ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސައުތު ކާފު ޒޯނުގެ ޗެމްޕިއަންކަން ދަ މެރީނާ ހޯދައިފިއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ ސައުތު ކާފު ޒޯނުގެ ޗެމްޕިއަންކަން ދަ މެރީނާ ހޯދީ އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެއްޔާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގައި ދަ މެރީނާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ނޫހު އިބްރާހީމެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ސައީދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ މެރީނާގެ ހަސަން ލައުހުއެވެ. މެޗު ނިމުމުން މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާ ޓީމުތަކަށް ވަނީ އިނާމުދީފައެވެ. މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މެރީނާގެ އަބްދުﷲ ނަސީރު ހޮވުނުއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މެރީނާގެ ކީޕަރު މުހައްމަދު ރަޝީދެވެ. ސައުތު ކާފު ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން-- ފޮޓޯ: ޓެކާސް މި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މެރީނާގެ ޝިފާޒް އާދިލް، މުހައްމަދު ރަޝީދު އާއި އޮޅުވެލީގެ އަބްދުالله ސިނާން އާއި މުހައްމަދު ވިގާމްގެ އިތުރުން އޮޒެން ލައިފް މާދޫގެ މުހައްމަދު މާއިލް އަރީފެވެ. ފެއާޕްލޭ ޓީމަކަށް ޖޭޑަބްލިއު މެރިއޮޓް ކާފު ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މެރީނާގެ ހަސަން ލައުހުއެވެ. ދެ ގްރޫޕަކަށް ބަހާލައިން ކުރިއަށްދިޔަ ސައުތު ކާފު ޒޯނުގެ ގްރޫޕް އޭ ގައި ހިމެނުނީ ދަ މެރީނާ، އެސްއޯ މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖެވެ. ގްރޫޕް ބީގައި ހިމެނުނީ ޖޭ ޑަބްލިއު މެރިއަޓް، އޮޒެން ލައިފް މާދޫ، ސާއީ ލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއެވެ. ޓެކާސް ދިރާގު ރިސޯޓު ކަޕް 2025 ގައި ކުރިއަށްދެން އޮތީ ޅަވިޔަނި ޒޯނުގެ ކުޅުމެވެ. މި ޒޯނުގެ ކުޅުން ކުރިއަށްދާނީ ޖުލައި 3-11 ގެ ނިޔަލަށެވެ. މި މުބާރާތުގެ ސްޓްރީމިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ