'ވޯކް އޮފް ފޭމް'ގެ ޝަރަފު ހޯދި އިންޑިއާގެ ކުރީގެ އެކްޓަރު ސަބޫގެ ވާހަކަ ސްކްރީނަށް ގެންނަނީ
ހޮލީވުޑްގައި މަސައްކަތްކޮށް 'ވޯކް އޮފް ފޭމް'ގެ ޝަރަފު ފުރަތަމަ ހޯދި އިންޑިއާގެ އެކްޓަރު ސަބޫ ދަސްތަގީރުގެ ވާހަކަ އިންޑިއާގެ ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޑެބްލީނާ މަޖްމުދާރު، ސަބޫ ދަސްތަގީރުގެ ހަޔާތުގެ ވާހަކަތައް ލިޔެފައިވާ ބައޮގްރަފީއަށް ބިނާކޮށް އުފައްދާ މި ފިލްމަކީ އިންޑިއާގެ ދަރިކޮޅަށް ނިސްބަތްވާ ކުޅަދާނަ އެކްޓަރަށް ހޮލީވުޑްގައި ލިބެމުންދިޔަ ކާމިޔާބީތަކާ އެކު ހޮލީވުޑްގެ ވޯކް އޮފް ފޭމްގެ ލަގަބު ލިބުނު ގޮތް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމެކެވެ. ސަބޫއަކީ އިންޑިއާގެ މައިސޫރަށް އުފަން މީހެކެވެ. އުމުރުން އެންމެ 13 އަހަރުގައި ފިލްމީ ކެރިއަރު ފެށި ސަބޫއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެންފެށީ ހޮލީވުޑްގެ ފިލްމު ޑައިރެކްޓަރު ރޮބަޓް ޖޭ އުފެއްދި "އެލެފެންޓު ބޯއި" ކިޔާ ފިލްމަކުން އޭނާއަށް ލިބުނު ފުރުސަތާ ގުޅިގެންނެވެ. ސަބޫ އަދި އެކްޓަރަށް ހޮލީވުޑްއިން އެރުވި 'ވޯކް އޮފް ފޭމް؛ގެ ލަގަބު--ފޮޓޯ/ފޭސްބުކް އިންޑިއާގެ މައިސޫރުގައި އެތް ބެލެހެއްޓުމުގެ މަސައްކަތުގައި ބައްޕައާ އެކު ހަރަކާތްތެރިވި ސަބޫއަށް ފިލްމު "އެލެފެންޓު ބޯއި"އިން ލިބުނު ކާމިޔާބީއާ ގުޅިގެން ހޮލީވުޑްގެ އިތުރު ފުރުސަތުތަކެއް ހުޅުވުނެވެ. އޭގެތެރޭގައި "ދަ ތީފް އޮފް ބަޣްދާދު"، "ޖަންގަލް ބުކް" އަދި "ބްލެކް ނާސިސަސް" ހިމެނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަސްކަރީ އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ސަބޫ އަކީ ހަމައެކަނި އިންޑިއާގެ ފުރަތަމަ ބައިނަލްއަގްވާމީ ތަރި ނޫން ކަމަށާއި އޭނާ އަކީ ބޭރު ގައުމުތަކަށް އިންޑިއާގެ ސަގާފަތް ތައާރަފު ކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ސަބޫގެ ހޮލީވުޑްގެ ކެރިއާއިން ފެށިގެން ހޮލީވުޑްގެ ވޯކް އޮފް ފޭމްގެ ކާމިޔާބީ ހާސިލުކުރުމަށް ކުރި ބުރަ މަސައްކަތް ސިނަމާތަކަށް ގެނައުން މުހިއްމު ކަމަށް މޯޝަން ޕިކްޗާސްގެ ޕްރޮޑިއުސަރު ޕްރަބްލީން ސަންދޫ ވަނީ ބުނެފައެވެ. މި ފިލްމު ގެނެސްދޭން ރާވަނީ ވެބް ސީރީސްއެއް ގޮތަށް ކަމަށާއި ވަރަށް އަވަހަށް މި ޕްރޮޖެކްޓް އިއުލާނުކުރާ ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ