ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދޫނުކޮށް ހިފަހައްޓާ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.
އިއްތިހާދުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓާތީ ޕާޓީތަކުގެ ހަރަކާތްތައް ހިންގަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިއީ ޕާޓީތަކަށް ލިބޭ ގެއްލުމަކަށް ވާތީ، ބަދަލު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީތަކުގެ ފައިސާ ޖަމާކުރަން އިލެކްޝަންސްގައި ތަކުރާރުކޮށް އެދިގެން ވެސް މިހާތަނަށް އެކަން ކޮށްދީފައި ނުވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި ފައިސާ ދިނުން ލަސްކުރަނީ ޕާޓީތަކަށް ފައިސާ މަދުން ދޫކުރާނެ ކޮންމެވެސް ގޮތެއް ހޯދުމަށެވެ.
"އަޅުގަނޑުގެ ހިތް ބުނަނީ މި ފައިސާ ދޭން މިއުޅެނީ ނަމެއްގައޭ. މި ފައިސާ މި ދެންނެވިހެން މަދުކުރެވެން އޮތް އެއްޗެއް، އުނިކުރެވެން އޮތް އެއްޗެއް، އުނިކޮށްފައި ދޭން ވެގެން ލަސްކުރަނީއޭ،" އޭނާ ވިދާޅުވި އެވެ.
އެހެން ނޫން ނަމަ، ދެން އޮތް ގޮތަކީ، އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ މިހާރު ނެތުމުން ބަހަނާއެއް ދެއްކުމެވެ. ކޮންމެވެސް ފަޅެއް ނުވަތަ އަތޮޅެއް ވިއްކާލައިގެން އަދި ފައިސާ ނުލިބޭތީ ނުދީ ލަސްކުރަނީ ކަަމަށް ވެދާނެ ކަމަށް ވެސް ވދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ލަސްވާ މައްސަލަ ކޯޓަށް ހުށަހަޅައިގެން މިހާރު ނުބެލިއަސް އެ މައްސަލަ ބަލާނެ ކޮންމެވެސް ދުވަހެއް އަންނާނެ އެވެ. އެ ދުވަހަކު އިންސާފު ލިބޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިތުރުން އެމްޑީޕީ އާއި ވެރިކަން ކުރާ ޕާޓީން ވެސް ވަނީ ފައިސާ ނުދީގެން ޝަކުވާކޮށްފަ އެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޭން ޖެހެ އެވެ. އެކަމަކު މިހާތަނަށް އެ ފައިސާ ދީފައި ނުވަނީ އީސީން ބުނާ ގޮތުގައި މެމްބަޝިޕް ފޯމްތަކުގައި ފިންގަޕްރިންޓް ނުޖަހައި ހުރުމުން ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް، ޕާޓީތަކުން މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފައިވާތީ އެވެ.
މަޖިލީހުން ފާސްކުރި ގާނޫނުން އެ އަމުރު ނަފީވެފައިވާތީ ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
ފައިސާ ހިފަހައްޓަނީ މަދުން ދޭނެ ގޮތެއް ހޯދަން، ދައުވާކުރާނަން: އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ