ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންފި އެވެ. އަދި ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ބައިވެރިވަޑައިގެންފަ އެވެ.
މި ދެ ބޭފުޅުންނަކީ މިހާތަނަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންނެވެ. މެމްބަރު ޔާމީނަކީ ޕީޕީއެމް ކައުންސިލް މެމްބަރެއް ނޫނަސް ޝުޖާއު އަކީ ކައުންސިލް މެމްބަރެކެވެ.
ޕީޕީއެމް ކައުންސިލާ އިއްޔެ ގުޅިވަޑައިގަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މައުމޫންގެ ފެކްޝަނާ އެ ދެ ބޭފުޅުން ގުޅިވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ އިތުރު މެމްބަރުން ވެސް ކުރިއަށް އޮތްތާނގައި މައުމޫންގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނެ ކަމަށެވެ.
"މީގެ އިތުރުން ނިއުސް ކޮންފަރެންސް ހިނގަމުން ދިޔައިރު ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތަފާ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު އަހުމަދު އަރީފު ވެސް ބައިވެރިވެވަޑައިގެންނެވި،" އުމަރު ވިދާޅުވި އެވެ. "އެބޭފުޅުން ވަޑައިގަތީ ރައީސް މައުމޫނަށް ހިތްވަރު ދެއްވުމަށް."
ޝުޖާއު އަކީ، މިހާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމްގެ ވަރަށް ގާތް ބޭފުޅެކެވެ.
މައުމޫން މިއަދު ޕީޕީއެމްގެ އޮފީހުގައި ކައުންސިލް ބައްދަލުވުން ބޭއްވި އިރު، ރައީސް ޔާމީންގެ ފެކްޝަންގެ އިސްބޭފުޅުން ގެންދެވީ ދަރުބާރުގޭގައި ނިއުސް ކޮންފަރެންސްއެއް ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި އެ ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވާނެ ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވައި ވަކިގޮތަކަށް ހަމަޖެހެންދެން އެ ޕާޓީ ހިންގުމުގެ ހުރިހާ ޒިންމާއަކާ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ހަވާލުވެ ވަޑައިގަތުމަށް އަމުރުކުރާ ކަމަށެވެ.
މެމްބަރު ޔާމީނާއި ޝުޖާއު، މައުމޫނާ އެކު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ