ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން 13 ގައި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އެ ކޮމިޝަންގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާނެކަން ހާމަކޮށްފައިނުވާއިރު، އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެއިތުރުން، މ.އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ކައުންސިލަރަކު ވެސް މި ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ