ދިއްގަރު ދާއިރާއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ނިންމި ފަރާތަކުން ނަން އަނބުރާ ގެންދިޔައިރު، ދެން ތިބި ކެންޑިޑޭޓުންގެ ނަންތަށް މިރޭ ތަރުތީބު ކޮށްފިއެވެ.
ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ޖުމްލަ 5 ބޭފުޅަކު ހުށައެޅުއްވިއެވެ. ނަމަވެސް މީގެތެރެއިން، މ. އަތޮޅު ކައުންސިލް މެމްބަރު މޫސާ ނަސީރު އަހުމަދު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އެހެންކަމުން މި ޕްރައިމަރީގައި ވާދަކުރައްވާނީ، މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް އާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނެވެ.
މިރޭ ނަން ތަރުތީބު ކުރުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިޔާތުން ކެންޑިޑޭޓު ނަމްބަރު އެކެއް ލިބުނީ، މޫސާ ނަސީރަށެވެ. ދެވަނަ ފާރިޝްއަށް ލިބުނުއިރު، ތިންވަނަ ލިބުނީ އިމްރާންއަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ހަތަރެއް ލިބުނީ ހާނިމްއަށެވެ.
ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 24 ވާ ހުކުރު ދުވަހު މެންދުރުފަހު 2:00 އިން 5:00 އަށެވެ.
ހުސްވެފައިވާ ދިއްގަރު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަހުމަދު ނާޒިމްއަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވުމާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި އެއްކެނޑިޑޭޓަކު ނަން އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ