ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅުގައި އެއްޗެއް ގޮވައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި ހާދިސާއިން ލިބުނީ ކުއްލި ސިހުމެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ ހައްޖުގެ އަޅުކަމަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ ވަޑައިގަތުމަށް ލޯންޗު އިއްޒުންދީން ފާލަމާއި ކައިރިކުރަނިކޮށެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދަތުރު ކުރެއްވި ލޯންޗްގައި ހިނގައިދިޔަ ހާދިސާއާ ދޭތެރޭ ކަންބޮޑުވާ ކަމަށެވެ. އަދި މިހިތާމަވެރި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައި ނުވާތީ އެކަމާ އުފާކޮށް ޝުކުރުކުރާ ކަމަށް ވެސް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މި ހާދިސާގައި ރައީސް ޔާމީނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް ރައީސްގެ އަނބިކަނބަލުން މެޑަމް ފާތުންނަށާއި ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފާތިމަތު މުހައްމަދު ސޯލިހްގެ އިތުރުން ރައީސް ޔާމީންގެ ބޮޑީގާޑެއް ކަމަށްވާ އަބްދުﷲ ނާސިރަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާ ލިބުނު ފަރާތަކަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
ރައީސް އޮފީހުންނާއި ސަލާމަތީ މުއައްސަސާތަކުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި ހާދިސާގެ ތަހުގީގަށް ފިނިފެންމާ ލޯންޗް މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
ލޯންޗްގެ ހާދިސާއިން ލިބުނީ ކުއްލި ސިހުމެއް، އެކަމާ މެދު ކަންބޮޑުވޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ