ކިތަންމެ ހަގަސް، ޕީޕީއެމްއަކީ ކާމިޔާބު ޕާޓީއެއް - ރައީސް މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ހަގު ޕާޓީއެއް ނަމަވެސް، އެ ޕާޓީވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޕާޓީއަށް ކަމަށް، ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ހަތަރުވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބެއްގައެވެ.
މި ޚިތާބުގައި މައުމޫން ވިދާޅުވެފައިވަނީ ޕީޕީއެމްގެ އުމުރު ހަގުނަމަވެސް، ވޭތުވެދިޔަަ ކުރު މުއްދަތުގައި އެޕާޓީގެ ފަރާތުން ކާމިޔާބުކޮށްފައިވާ އިންތިޚާބުތަކަށް ބެލިކަމުގައިވީ ނަމަވެސް، އަދި އެޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ މެންބަރުންގެ ޢަދަދަށް ބެލިކަމުގައި ވީނަމަވެސް، ޕީޕީއެމްއަކީ ކާމިޔާބު ޕާޓީއެއްކަން ހާމަވެގެންދާނެކަމަށެވެ.
ޕީޕީއެމް އިން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަހަތުކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވެފައިވަނީ "އެންމެފުރަތަމަ ޤައުމު" އަކީ އެ ޕާޓީގެ ޝިއާރު ކަމަށެވެ. އެޕާޓީގެ މެންބަރުންނަކީ ޕާޓީގެ އަސާސް ތަކަށާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތާ، ޤައުމަށް ވަފާތެރި ބައެއްކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ އެޕާޓީގެ ކޮންމެ މެންބަރަކީ ޕާޓީ އުފެދިފައިވާ މައިގަނޑު އަސާސްތަކުގެމަތީ ދެމިތިބޭ، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ތަބަާވާ، ޑިމޮކްރަސީގެ ހަމަތަކަށް ކަމޭތިތާ، ދިވެހިރާއްޖޭގެ ޤާނުނުތަކަށާއި، ޕާޓީގެ އުސޫލުތަކަށާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހޭނެކަމަށެވެ.
މީގެ އިތުރުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅުގައި ހިނގައިދިޔަ ޙާދިސާއަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ ހަތަރު އަހަރު ފުރޭ މި އުފާވެރި މުނާސަބަތާ ކުރިމަތިލާއިރު އެޕާރޓީގެ މެންބަރުން ތިބީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައި ކަމަށެވެ. އެޕާޓީގެ މުސްތަޝާރު، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަމުން އެނބުރި ވަޑައިގެން، އެއާޕޯޓުން މާލެ ވަޑައިގެންނެވި ލޯންޗްކޮޅުގައި ބަޔަކު އެއްޗެއް ގޮއްވާލި ހާދިސާ ގައި ރައީސްގެ އަނބިކަނބަލުންގެ ހަށިކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަތް މި ޚާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާ މައުމޫން ވިދާޅުވީ އެކަން އެގޮތަށް ރާވާ ހިންގި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދިނުމަށް ގޮވާލާކަމަށެވެ.
މައުމޫންގެ ޚިތާބުގައި އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމްއަށް ހަތަރު އަހަރު ފުރުން ފާހަގަކުރާ މި އުފާވެރި މުނާސަބަތަށް އިތުރު ފުރިހަމަކަމެއް އަންނަނީ އެ ޕާޓީ ރާއްޖޭގެ ވެރިކަަމަށް އައިތާ ދެ އަހަރު ފުރުމުގެ މުނާސާބާ މީގެ ތިންވަރަކަށް ހަފްތާފަހުން އަންނާތީކަމަށެވެ. މައުމޫން ވަނީ މި އުފާވެރި މުނާސާބަތުގެ ތަހްނިޔާ އެޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސް ކުރައްވާފައެވެ.
މީގެ އިތުރުން މައުމޫން ވަނީ ޤައުމު މިހާރު މި އޮތް ހާލަތުގައިވެސް، ރައީސުލް ޖުމްހޫރިއްޔާ ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުހަބާ ވިދާޅުވެފައެވެ. "... އެމަނިކުފާނަށް ދޭންޖެހޭ ކޮންމެ އެއްބާރު ލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އަޅުގަނޑާއި މިޕާޓީ ފަސްނުޖެހޭނެކަމުގެ ޔަޤީންކަން ރައީސުކް ޖުމްހޫރިއްޔާ އަށް އަރުވަމެވެ."
މައުމޫންގެ ޚިތާބު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ޕީޕީއެމްއަށާއި އެ ޕާޓީގެ ސަރުކާރަށް އިތުރު ކާމިޔާބީ މިންވަރުކުރެއްވުން އެދި ވަޑައިގަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ