ނައިބު ރައީސްގެ މަގާމުން އަދީބު ދުރުކުރަން ޖެހޭ: މައުމޫން

ޕީޕީއެމްގެ ނައިބު ލީޑަރުގެ މަގާމުންނާއި ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައިވާ އަހުމަދު އަދީބު އަބްދުލްގަފޫރު ރާއްޖޭގެ ނައިބު ރައީސްގެ މަގާމުން ވެސް ވަކިކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖްގައި އޮންނަ ހަފްލާއެއް ޝަރަފްވެރިކޮށްދެއްވުމަށް އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ އަދީބު އެ ޕާޓީން ވަކިކުރީ ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށެވެ. "ރައީސުލްޖުމުހޫރިއްޔާގެ ވާހަކަކޮޅުގައި ވިދާޅުވި ނައިބް ރައީސް އަދީބ،ު ރައީސުލްޖުމުހޫރިއްޔާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެއްބަރުންނާއި ވާހަކަދައްކައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނައްގަވަން މަސައްކަތް ކުރައްވައޭ އެހެންވީމަ އެއީ ޕާޓީގެ އުސޫލާއި ގަވާއިދާހިލާފް ކަމެއް،" ރައީސް މައުމޫން ވިދާޅުވިއެވެ. އަދީބު ނައިބު ރައީސް ގެ މަގާމުން އަޒުލްކޮށް އިތުބާރުނެތް ކަމަށް ފާސްކުރުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މަސައްކަތް ކުރަމުން ދާއިރު މައުމޫން ވިދާޅުވީ ޕީޕީއެމް ބަލިކަށި ވެފައިވާ ކަމަށް އެ މަނިކުފާނު ގަބޫލްފުޅު ނުކުރައްވާ ކަމަށާއި ރައީސް ޔާމީންގެ ކެބިނެޓުން ބޭފުޅުން އައްޔަނުކޮށް ވަކިކުރުމަކީ އެމަނިކުފާނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. "އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ނިއްމަވާފައި އެ އޮތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަވަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީހަމަ އެކަން ކުރައްވަން ޖެހޭނެ ގޮތް،" ރައީސް މައުމޫން ރައީސް ޔާމީން އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް އިޝާރަތް ކުރައްވައި ރައީސް މައުމޫން ވިދާޅުވީ އެ ކަމަކީ ޕީޕީއެމުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި އެ ގޮތުން އަދީބާއި އެޕާޓީގެ އަނެއް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މީޑިއާގައި އެ ކަން ކުށްވެރިކޮށް ވާހަކަދެއްކެވުމަށް އެމަނިކުފާނު ދެންނެވި ކަމަށެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނައިބު ރައީސް އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް 50 ވުރެން ގިނަ މެމްބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ވައްދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ