ސްޕޯޓްސް އެވޯޑުގައި މި ފަހަރު ބާސްކެޓްބޯޅަ ނެތުމަކީ ދެރައެއް: ހަވީރު

އެކަށީގެންވާ ވަރަށް މުބާރާތްތައް ބާއްވާފައިނުވާތީ، ހަވީރު ސްޕޯޓްސް އެވޯޑްސްގައި މި ފަހަރު ބާސްކެޓްބޯޅައިން އެވޯޑް ނުދޭ ގޮތަށް ހަމަޖައްސަން ޖެހުމަކީ ދެރައެއް ކަމަށް "ހަވީރު"ން މިއަދު ބުނެފި އެވެ. ހަވީރުގެ އެޑިޓަރު އަދި ހަވީރު ސްޕޯޓްސް އެވޯޑްސް އިންތިޒާމްކުރާ ކޮމިޓީގައި އިސްކޮށް ހުންނަވާ މޫސާ ލަތީފް ވިދާޅުވީ ބާސްކެޓްބޯޅަ އަކީ ސްޕޯޓްސް އެވޯޑްސްގެ މުހިންމު ތިން ބައިގެ ތެރެއިން އެއް ބަޔަށް ވެފައި، އެ ކުޅިވަރުން އެވޯޑް ދެވޭ ގޮތް ނުވުމުން ހިތާމަކުރައްވާ ކަމަށެވެ. "ހަވީރު ސްޕޯޓްސް އެވޯޑްސްގައި ބާސްކެޓްބޯޅަ ހިމެނީ ވެސް އޭރު އެ ކުޅިވަރު ވަރަށް ބޮޑަށް ތަރައްގީވަމުން އަންނާތީ. އެއީ ކުޅުންތެރިންނަށް ހިތްވަރެއް ދޭންވެެގެން ކުރި ކަމެއް،" މޫސަ ވިދާޅުވި އެވެ. "އެކަމަކު މިދިއަ އަހަރު ނެތް އެކަށީގެންވާ ވަރަށް ބާސްކެޓްބޯޅަ މުބާރާތްތައް ބާއްވާފައެއް. އެއީ ހަމައެކަނި އަޅުގަނޑުމެންގެ އެވޯޑަށް ލިބުނު ދެރައެއް ނޫން. ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ވެސް ލިބުނު ދެރައެއް." ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި އެވޯޑް ލިބުނު ތަރިންސްޓޭޖް މަތީގައި. --ހަވީރު ފައިލް ފޮޓޯ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ގަވާއިދު ބުނާ ގޮތުން އެވޯޑު ދެވޭނީ އަހަރެއްގެ ތެރޭގައި މަދުވެގެން ގައުމީ ފެންވަރުގެ ދެ މުބާރާތް ބާއްވައިގެންނެވެ. އެކަމަކު މިދިޔަ އަހަރު ބާސްކެޓްބޯޅާގައި ބޭއްވީ ފިރިހެނުންގެ އެންމެ މުބާރާތެކެވެ. އަންހެން ޑިވިޝަނުގެ އެއްވެސް މުބާރާތެއް ނުބާއްވަ އެވެ. "އެވޯޑަކީ ކުޅުންތެރިންް ކުރާ މަސައްކަތުގެ އަގުވަޒަންކުރުން. ކުޅުންތެރިން ކުރިއަށް ގެންދަން ހަވީރުން ކުރާ މަސައްކަތެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މި ފަހަރު ބާސްކެޓްބޯޅަ ކުޅުންތެރިންނަށް އެ ފުރުސަތު ގެއްލުމުން ހަވީރުން ވަރަށް ބޮޑަށް ހިތާމަކުރަން،" މޫސަ ވިދާޅުވި އެވެ. ބާސްކެޓްބޯޅައިގެ އިތުރުން ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނެނީ ފުޓްބޯޅަ އާއި ވޮލީ އެވެ. މި ދެ ކުޅިވަރުން ގިނަ މުބާރާތްތަކެއް މިދިއަ އަހަރު ބާއްވާފައިވެ އެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވީ މުބާރާތްތައް ނުބޭއްވި ދިއުމުގައި ވެސް ސަބަބުތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ގައުމީ ބާސްކެޓްބޯޅަ މުބާރާތް ބާއްވަން ޒުވާނުންގެ މަރުކަޒުން ޖާގަ ލިބުނީ ސެޕްޓެމްބަރު މަހު ކަމަށާއި ނަމަވެސް އެ ދުވަސްވަރު އޭޝިއަން ގޭމްސް އޮތުމުން އެ މުބާރާތެއް ބާއްވަން ދަތިވީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދުވަސްވަރު އަންހެން މުބާރާތް ބާއްވަން ޖާގަ ލިބުނު ނަމަވެސް އެކަން ނުވީ އެންމެ ދެ ޓީމު ބައިވެރިވުމުންނެވެ. މުބާރާތެއް ބޭއްވެނީ މަދުވެގެން ތިން ޓީމު ހިމެނޭ ނަމަ އެވެ. "ތިން ޓީމަކުން ބައިވެރިވާން ހުށަހެޅި. އެކަމަކު އެންމެ ދެ ޓީމުން ބައިވެރިވާން ނިންމީ. އެގޮތަށް މުބާރާތް ބާއްވަން ބޭނުންނުވީ،" އާރިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖުމްލަކޮށް، ބަލާއިރު މުބާރާތްތައް ބާއްވަން ދަތިވީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓު ލިބުމުގެ ދަތިތަކާ ހުރެ އެވެ. މިދިޔަ އަހަރު ނުބޭއްވުނު މުބާރާތްތައް މި އަހަރުގެ ކުރީކޮޅު ބާއްވަން ކްލަބްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ހަވީރުން އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ބާސްކެތްބޯޅަ ކުޅުންތެރިޔާ ހޮވަން ފެށީ 2008 ވަނަ އަހަރު އެވެ. އަދި 2010 ވަނަ އަަހަރުން ފެށިގެން އަންނަނީ ބާސްކެޓްބޯޅައިން ފިރިހެން އަދި އަންހެން 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާ ވެސް ހޮވަމުންނެވެ. އެއިން ކޮންމެ މަގާމަކަށް ފައިސާގެ އިނާމު ވެސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ