"ބަޣާވާތު"ގެ ފަހަތުގައި ހުންނެވީ ވަހީދެއް ނޫން، މައުމޫން: ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލި "ބަޣާވާތު"ގައި މިހާރުގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ބަޣާވާތްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ނަޝީދު ރޭ ގދ. ތިނަދޫގައި ވިދާޅުވެއްޖެ އެވެ. ތިނަދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މައުމޫން ބަޣާވާތްކުރެއްވީ އެމަނިކުފާނުގެ 30 އަހަރުގެ ހުދުމުހްތާރު ވެރިކަމާއި ބާރުވެރިކަން އަލުން އަނބުރާ ހޯދެއްވުމަށް ކަމަށެވެ. "ރާއްޖޭގައި ބަޣާވާތްކުރީ ހަމަ މައުމޫން އަބްދުލްގައްޔޫމް. އިތުރު ބޭފުޅެއް ވެސް ނޫން. ޑރ. ވަހީދެއް ވެސް ނޫން. އަދި އެހެން ބޭފުޅެއް ވެސް ނޫން. އެކަން ކުރައްވައިގެން އުޅުއްވަނީ ސީދާ ރައީސް މައުމޫން. އަލުން އަނބުރާ ވެރިކަމަށް ވަޑައިގަތުމުގެ އުއްމީދުގައި. ބާރުވެރިކަން އަލުން އަނބުރާ ހޯއްދެވުމަށްޓަކައި،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލި ބަޣާވާތުގައި އެތައް ވިޔަފާރިވެރިންނެއް ވެސް ބައިވެރިވި ކަމަށާއި އޭގެ ސަބަބަކީ މައުމޫނުގެ ދިގު 30 އަހަރު ލިބެމުން ދިޔަ ނާޖާއިޒު ފައިދާ، ރާއްޖޭގެ އެތައް ރައްޔިތުންގެ މައްޗަށް ބެހިގެން ދިޔުމުން އެކަމާ ކަންބޮޑުވުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "މިއަދު ތަހުގީގެއް ހިންގައިފި ނަމަ ވަރަށް ސާފުކޮށް ފެންނާން އެބަހުރި ފައިސާ ހިނގި މަގު ވެސް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ނުދަންނަވަން ސިފައިންގެ ތެރެއިން އާދައިގެ ކުދިން ބަޣާވާތްކުރީއެކޭ. އެކަން ކުރީ ޖެނެރަލުން. އެ ޖެނެރަލުންނާ ގުޅިފައި ތިބީ މަހުޖަނުން. އެ މަހުޖަނުންގެ އެންމެ އިސް ލީޑަރަކަށް ހުންނެވީ ކުރީގެ ވެސް އެންމެ ހުދުމުހްތާރު ރައީސް މައުމޫން އަބްދުލް ގައްޔޫމް." ނަޝީދު ވިދާޅުވީ ފެބްރުއަރީ 7 ގެ ބަޣާވާތުގައި ރައީސް ވަހީދު ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ޕީޕީއެމް އާއި ޑީއާރުޕީގެ ސިޔާސަތާއި ފިކުރު ހިންގުމަކީ ބަޣާވާތެއް ކަމަށެވެ. އަދި އެ ބަޣާވާތުން ވެސް ސަލާމަތް ވާން އެބަ ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އިންތިހާބަކާ ނުލައި އެ އުސޫލުތައް [ޕީޕީއެމް އާއި ޑީއާރުޕީގެ އުސޫލު] ހިންގުމަކީ ބޮޑު ބަޣާވާތެއް. އެ ބަޣާވާތުގެ ސަބަބުން ދެމިގެންވާ އަސަރު ރަށްރަށަށް ކުރަމުން ދާނެ،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ކުރީގެ ނައިބު ރައީސަށް އެދެން އެ ބަޣާވާތް ތިބޭފުޅާ ނުހިންގަވާށޭ. މަޑަވެލި ހޯޑެއްދޫގެ ކޯޒްވޭ ހައްދަވާށޭ. ތިނަދޫގެ މަގުތައް ހައްދަވާށޭ. ތިނަދޫ ހިއްކަވާށޭ. ތިނަދޫގައި ފުލެޓް އަޅުއްވާށޭ. ތިނަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދަވާށޭ. ތިނަދޫގައި އިސްލާމިކް ކޮންފަރެންސް ބާއްވަވާށޭ." ނަޝީދު ވިދާޅުވީ މިއަހަރު ތެރޭގައި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެމްޑީޕީ އަލުން ވެރިކަމަށް އަންނާނެ ކަމުގެ ޔަގީންކަށް ވެސް އެބަ އޮތް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ދެން ބަދަލުކުރިޔަސް އެމްޑީޕީއަކުން ބަޣާވާތްނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ހެނދުނު ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލީމާ، ހަވީރު އިންތިހާބަކުން އަލުން އަނބުރާ އަޅުގަނޑުމެން ތިބޭނީ ސަރުކާރުގައި،" ނަޝީދު ވިދާޅުވި އެވެ. "ތިނަދޫގައި 200 މީހުންނަށް ކުރަދި ފޭއްސައިގެން މާލެ އަށް ނޭރޭނީތޯ؟ ނަރުދޫން ނާދެވޭނީތޯ؟ އާދެވޭނެ އިނގޭތޯ؟ އަޅުގަނޑުމެންނަށް ބާރުން މިރާއްޖޭގެ ވެރިކަން ބަދަލުކުރެވޭނެ އިނގޭތޯ؟ އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫން. އެއީ އަޅުގަނޑުމެން އެދޭ ހަމައެއް ނޫން. އެ ހަމަ އަޅުގަނޑުމެން ނޭދެނީ ދެމެހެއްޓެނިވި ތަރައްގީއެއް އެދޭތީ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ