ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އަލްމަރުހޫމް އިބްރާހިމް ކަލޭފާނުގެ ބިންތަކާ ގުޅޭ މައްސަލައެއްގައި އިލްޔާސް އިބްރާހީމް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާ ގޮތަށް ނިންމައިފި އެވެ.
ދިއްދޫ އިބްރާހިމް ކަލޭފާނު ނުވަތަ ޑީއައިކޭގެ ނަމުން މުޅި ރާއްޖެ އަށް މަޝްހޫރުވި ވިޔަފާރިވެރިޔާގެ ބައެއް ބިންތައް، ކުރީގެ ސަރުކާރުގެ އެތައް ވުޒާރާއެއް ހިންގެވި އިލްޔާސް ވަނީ ބައްލަވައިގެންފަ އެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ އިލްޔާސް އެ ކޮމިޝަނަށް ހާޒިރުކުރަނީ ކަލޭފާނުގެ ބިންތައް "ނުއަގުގައި" ގަތް މައްސަލައެއްގައި ކަމަށެވެ. އެ މައްސަލާގައި، ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް ކޮމިޝަނަށް ހާޒިރުކުރާނެ ދުވަހެއް ކަނޑައަޅާނީ މާދަމާ ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަލޭފާނުގެ ބިންތައް އިލްޔާސަށް ވިއްކަވާފައި ވަނީ ބޭންކުން ނެންގެވި ލޯންތަކަކާ ގުޅިގެން ކަމަށްވެ އެވެ.
"ގާތްގަނޑަކަށް 10- 11 ބިމުގެ އެގްރިމަންޓެއް އޮތީ. އެ މައްސަލަ ކޯޓަށް ވެއްދީމަ އިލްޔާސް އޭގެ ތެރެއަށް ވަދެވަޑައިގެން ހުރިހާ ބިމެއް ވަރަށް ކުޑަ އަގެއްގައި ބައްލަވައިގެންފައި އެތަންތަން ބައްސަވާލެއްވީ ރައީސް މައުމޫންގެ އާއިލާ ބޭފުޅުންނަށް،" އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަލޭފާނުގެ ގިނަ ބިންތައް މިހާރު ރަޖިސްޓްރީކޮށްފައި ވަނީ މައުމޫންގެ އާއިލާ ބައެއް ބޭފުޅުންގެ ނަމުގަ އެވެ.
"މި މައްސަލާގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ފައިދާތަކެއް ނެގި ކަމަށާއި މީގެ ސަބަބުން މާލޭގެ ގަދަރުވެރި އާއިލާއެއް މުޅިން ހަލާކުވެގެން ދިޔަ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ބަލަން ފެށުމުން ކަލޭފާނުގެ އާއިލާ އަށް ލިބުނު ނިކަމެތިކަމަށް ބަދަލު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ކަލޭފާނުގެ ބިންތަކާ ގުޅޭ މައްސަލަ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރިޔާސީ ކޮމިޝަނުން ބަލަން ފަށާފައި ވަނީ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް އެގޮތަށް އަންގަވާފައި ވަނީ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ޝަކުވާ ހުށަހަޅުއްވައިގެން ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
މިހާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމާއި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމަކީ ކަލޭފާނުގެ ބޭފުޅުންނެވެ.
ދިއްދޫ އިބްރާހިމް ކަލޭފާނުގެ ބިންތަކާ ގުޅިގެން އިލްޔާސް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ