މަރިޔަމް އާޝިއާ
އާ ގާނޫނު އަސާސީ އެކުލަވާލާފައިވަނީ 2004 ވަނަ އަހަރު އިސްލާހީ އެޖެންޑާގެ ދަށުން އެމަނިކުފާނު ހުށަހެޅުއްވި ޕޮއިންޓްތަކުގެ މައްޗަށް ކަމަށް ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އިއްޔެ އއ އަތޮޅު ރަސްދޫއަށާއި އެއަތޮޅު ތޮއްޑޫއަށް ޑީ.އާރު.ޕީގެ ޒައީމްގެ ހައިސިއްޔަތުން ކެމްޕެއިން ކުރެއްވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ތޮއްޑޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުމޫން ވިދާޅުވީ ގާނޫނު އަސާސީއަށް އެ އިސްލާހުތައް ގެންނެވި މީހަކީ އަދި އެކަމަށް ހިޔާލުކުރި މީހަކީވެސް އެމަނިކުފާނު ކަމަށެވެ.
"އެންމެ ފުރަތަމަ ޤާނޫނު އަސާސީ ލިއުނިން ހަމަ ތަފްސީލްކޮށް. އެހެން ނަމަވެސް މިހާރު މިއޮތް އެއްޗެއް ނޫން. އެކަމަކު މިގޮތަށް. ލިޔެފަ އެހެންނަމަވެސް އަޅުގަނޑު ހިތަށްއެރީ އެޤާނޫނު އަސާސީ އެގޮތަށް ޑްރާފްޓެއް ގޮތުގައި ފޮނުވައިގެން ކަމަކު ނުދާނޭ. އޭރުން ބަޔަކު ހީކޮށްފާނޭ ވަކި ކަހަލަ ގޮތްތަކެއް އެމީހުންނަށް މަޖްބޫރު ކުރުވަނީއޭ" މައުމޫނު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ހުރި އިސްލާހީ އެޖެންޑާގައި ހިމެނިފައިވާ ބައެއް ޕޮއިންޓްތައްވެސް މައުމޫނު ފާހަގަ ކުރެއްވިއެވެ. މިގޮތުން 18 އަހަރުން މަތީގެ މީހުންނަށް ވޯޓުލެވޭނެ ގޮތަށް އޮތުމާއި ރައްޔިތުންގެ އަސާސީ ހައްޤުތައް ފުޅާކުރުމާއި ތިންބާރު ވަކިކުރުމާއި ވަކި ޖިންސެއްނެތި ކުފޫހަމަވާ ކޮންމެ މީހަކަށް ރަޢީސް ކަމަށް ކުރިމަތިލެވޭ ގޮތަށް އޮންނަ އޮތުން ފާހަގަ ކުރެއްވިއެވެ.
މައުމޫން ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މި ގާނޫނު އަސާސީއަށް ބޭނުންވާ ހުރިހާ މުއައްސަސާތައް އުފައްދާ އުސޫލުތައް ގާއިމް ކޮށް އާ ނިޒާމްތައް ތައާރަފްކުރެވޭނީ އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކަމަށެވެ.
ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ރައީސަށް ކުރިމަތިލެވޭނެތޯ ބެލުމަށް ބޭރުގެ ފަރާތްތަކާއި ބަޔަކު ވާހަކަ ދައްކަވަމުން ގެންދާތީ އެކަން ސިފަކުރައްވަނީ ކޮންގޮތަށްތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވިއެވެ:
"ބޭރުގެ ބަޔަކަށް ކިހިނެތްތޯ އެގޭނީ އަޅުގަނޑުމެންގެ ޤާނޫނު އޮތް ގޮތެއް. ޤާނޫނު އަސާސީ މިއޮތީ ދިވެހި ބަހުން. ބޭރުގެ ބަޔަކު އައިސް ކިހިނެތްތޯ ގާނޫނު އަސާސީގައި ހުރި ހުރިހާ އެއްޗެއް އެގިގެން މިމާއްދާގެ މާނައަކީ މިއޭ މިހެން ބުނަން. އެއިކީ އެއްވެސް އޮއްޓަރު ހުރި ވާހަކައެއް ނޫން." މައުމޫނު ވިދާޅުވިއެވެ.
އިއްޔެ ތޮއްޑުއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި މައުމޫން ވަނީ ތޮއްޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާވެސް ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަމިއްލަ ބޭނުމެއްގައި އެއްވެސް ކަމެއް އެމަނިކުފާނު ކުރައްވާފައި ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުގެ ވިޔަފާރިއެއް ނޯންނާނެ. އަމިއްލަ އާމްދަނީ އެއް ލިބޭ އެއްވެސް ވަސީލަތެއް އަޅުގަނޑު ގާއިމްކޮށްފައެއް ނުވާނެ. އަޅުގަނޑުގެ މުޅި ހަޔާތް މިއޮތީ ހުއްޓާލާފަ. ވިސްނާލަންޖެހޭ ކުރިމަލައްވާފައި ތިބި ކެނޑިޑޭޓުން ކަންތައް ކުރައްވަނީ އެހެންތޯ. އަދި ކަންތައް ކުރައްވާނީ އެގޮތަށްތޯ" މައުމޫނު ވިދާޅުވިއެވެ. މައުމޫނު ވިދާޅުވީ ކުރިމަތިލައްވާފައިވާ އެހެން ކެނޑިޑޭޓުންގެ އެހެން ބައިވަރު ކަންތައްތައް އެބަހުރިކަމަށާއި އޭގެ ތަފްސީލަށް ކޮންމެހެން ދާން ނުޖެހޭ ކަމަށެވެ.
އިއްޔެ ރައީސް މައުމޫން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރަސްދޫއަށެވެ. ރަސްދުއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބު ނުކުރެއްވި ނަމަވެސް އެރަށުގެ އަތިތިމަތީގައި ހުރި ފިނިއަށީގައި މަޑުކޮށްލައްވާ ރައްޔިތުންގެ ޝުއޫރުތައް މައުމޫނު އަޑުއެއްސެވިއެވެ. ދެ ރަށުންވެސް މާބޮޑު ނުރުހުން ފާޅުކުރުމުގެ އިޝާރަތްތައް ފެނިފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބު 2008: އާ ގާނޫނު އަސާސީ އެކުލަވާލާފައި ވަނީ އަޅުގަނޑު ހުށަހެޅި ޕޮއިންޓްތަކުގެ މައްޗަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ