ސްކޫލް ފޮތްތައް ޗާޕު ކުރަން ބިޑަށް ނުލައި ބަޔަކަށް ދީފި: ޕީޕީއެމް

ސްކޫލް ފޮތްތައް ޗާޕު ކުރުން ސަރުކާރުން ބިޑަށް ނުލައި ތިން އަހަރަށް ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ ސަރުކާރުން ޗާޕް ކުރަންޖެހޭ ސްކޫލް ކުދިންގެ ފޮތްތައް ޗާޕު ކުރުމަށް ދީފައި ވަނީ ވަރަށް ބޮޑު އަގެއްގައި ކަމަށެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު ގްރޭޑް 1- 5 ހަމައަށް ބޭނުންވާ ފޮތްތަކުގެ އަގު 300 ޕަސެންޓާ 400 ޕަސެންޓާ ދޭތެރޭގެ އަގަކަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ވައުޗަރު ދޫކޮށްގެން ދަރިވަރުންނަށް ހިލޭ ފޮތްތައް ދޫކުރި ނަމަވެސް ފޮތްތައް އަގު ބޮޑުކޮށް ޗާޕް ކުރާ ނަމަ ރައްޔިތުންނަށް އޭގެ ގެއްލުން ވާނެ ކަމަށެވެ.
އޭގެ އިތުރުން ނިހާން ވިދާޅުވީ ފޮތްތައް ހޯދުމުގައި ވެސް މިއަހަރު ވަރަށް ބޮޑު ދަތިތަކެއް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ