ދުވަހަކުވެސް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް އާއި ދެކޮޅަށް ދައްކާނެ އަދި ކުރާނެ މަސައްކަތެއް ވެސް ނޯންނާނެ ކަމަށް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ރައީސް މައުމޫން އާއި ދެމެދު އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ޖޭޕީގައި ހުއްޓަސް އަދި އެމްޑީޕީގައި ހުއްޓަސް މައުމޫން އަބްދުލް ޤައްޔޫމް އާ ދެކޮޅަށް ކިޔާނެ އެއްޗެއްވެސް ދެކޮޅަށް ކުރާނެ މަސައްކަތެއް ވެސް ނޯންނާނެ." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މިހާރު ރައީސް މައުމޫނަކީވެސް ޕީޕީއެއްމްގައި އެއްވެސް މީހެއް ނޫން ކަމަށާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަ ކުރުމުންވެސް އެކަމުން ނަތީޖާ ނުނުކުންނަ ކަމަށެވެ.
މީގެ އިތުރުން ޖޭޕީއަށް ސޮއި ކުރައްވާފައި ވާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، އަދި އެއްވެސް ޕާޓީއަކަށް ސޮއި ނުކުރާ ކަމަށާއި އަދިވެސް ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު އަދިވެސް މި ހުރީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި. މިފަހުން ވަރަށް ބޮޑަށް ދެކެވިއްޖެ އަޅުގަނޑު އެހެން ޕާޓީއަކަށް ސޮއި ކުރި ވާހަކަ. އެކަމު އަޅުގަނޑު އަދި އެއްވެސް ޕާޓީއަކަށް ސޮއި އެއް ނުކުރަން މިވަގުތުވެސް އަޅުގަނޑު މި ހުރީ ޕީޕީއެމް ގެ މެމްބަރެއްގެ ގޮތުގައި." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފަށް ރިޝްވަތު ދީގެން ޕާޓީ ބަދަލު ކުރުވީ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް ދެވޭ މިންވަރާ ގާތަށްވެސް އެހެން ބަޔަކަށް ފައިސާ ނުދެވޭނެ ކަމަށެވެ.
މަހްލޫފް ވިދާޅުވީ އެގޮތަށް އެވާހަކަތައް ދެކެވެނީ މި ސަރުކާރުގައި ހުރި ކަންބޮޑުވާ އެތައް ކަމެއްގެ ސަބަބުން ބައެއް ފަރާތްތަކާ އެކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި، މަހްލޫފްގެ ޚިޔާލު އެކަހަލަ ދިމާލަކަށް މިސްރާބު ޖަހާފައި ހުރުމުން ކަމަށެވެ.
ސަރުކާރުގައި ހުރި ހިތްހަމަ ނުޖެހޭ ކަންކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ ފަހަކަށް އައިސް ވާހަކަ ދެއްކުން މަދުވާން ފަށާފައި ވަނީ ކޮޅަށް ތެދުވެ ދައްކާނެ ވާހަކައެއް ނެތުމުން ކަމަށެވެ.
މައުމޫން އާ ދެކޮޅަށް ދައްކާނެ ވާހަކައެއް، ކުރާނެ މަސައްކަތެއް ނޯންނާނެ - މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ