މާލެ-ހުޅުމާލެ އެއް ކަރަންޓު ވިއުގައިން ގުޅާލަނީ، މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ

ސްޓެލްކޯގެ އިންޓަކަނެކްޝަން މަޝްރޫއުގެ ދަށުން ކޮންމެހެންވެސް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ހިދުމަތް މެދުކަނޑާލާނެ ކަމަށް އެކުންފުނިން ބުނެފި އެވެ. ސްޓެލްކޯއިން ބުނީ އެ މަސައްކަތް ކުރުމަށްޓަކައި މާދަމާ ހެނދުނު 7:00 އިން 9:00 އަށް ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. "މިއީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމައި، މާލޭގެ ސިސްޓަމާ ގުޅާލުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ މަސައްކަތެއް," ސްޓެލްކޯއިން ބުނެ އެވެ. ހިދުމަތް މެދުކަނޑާލަން ޖެހޭ ވަކި ގަޑިތަކެއް ބަޔާންކޮށްފައިވީ ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަށް, ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. މާދަމާ ކަރަންޓު ހިދުމަތް މެދުކެނޑޭއިރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުއަކީ މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވާލާއިރު، ދެވަނަ ފިޔަވަހީގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ވަނީ ރާވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ