އެކަކު އަނެކަކާ ވާހަކަ ދައްކައިގެން ނުވަތަ އޮންނަ ގުޅުމެއްގެ ސަބަބުން، ސިޔާސީ ގޮތުން ވެފައިވާ އިއްތިހާދެއް ރޫޅޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވަގުތީ ރައީސް ކަމުގައި ވެސް ހުންނެވި ނަޝީދު އިއްޔެ "ހަވީރަ"ށް ވިދާޅުވީ އެކަކު އަނެކަކާ އޮންނަ ގުޅުމެއްގެ ސަބަބުން އިއްތިހާދު ރޫޅޭނެ ކަމަށް ވިދާޅުވެ މައުމޫން ދެއްކެވީ ވަރަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ވާހަކަފުޅެއް ކަމަށެވެ. އެ މަނިކުފާނާއި ގާސިމް ވާހަކަ ދެއްކެވުމުން މައުމޫނަށް ލިބިވަޑައިގަންނަވާނެ ގެއްލުމެއް ނޯންނާނެ ކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެކަކާ އަނެކެއްގެ ގުޅުމުގެ ސަބަބުން، އެ ބޭފުޅުންގެ އޮންނަ ސިޔާސީ އިއްތިހާދެއް ރޫޅުމުގެ ފައްތަރަކަށް ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ވާހަކައެއް ނޫން ރައީސް މައުމޫން ދައްކަވާކަށް،" ނަޝީދު ވިދާޅުވި އެވެ. "ރައީސް މައުމޫނަށް އެނިވަޑައިގަންނަވަންވީ އެންމެ މުހިއްމު ހަގީގަތަކީ އަދި މައުމޫން ގަބޫލުކުރައްވާނެ އެކަން، އަޅުގަނޑާއި ރައީސް ޔާމީނާ ދައްކަވާ ވާހަކައެއްގެ ސަބަބުން ރައީސް މައުމޫނަށް އޭގެއިން ލިބިދާނެ ގެއްލުމެއް ނޯންނާނެ ކަން."
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމުގެ ވޯޓުގައި މައުމޫން ގާސިމަށް ތާއީދުކުރައްވާނެ އެވެ. އަދި މައުމޫނަށް ދެއްވަން ހުރި ވޯޓެއް ޕީޕީއެމް ތެރެއިން ގާސިމަށް ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން އިއްޔެ ވިދާޅުވެފައި ވަނީ ގާސިމާއި ނަޝީދު ގުޅުން ބަދަހިކުރެއްވުމުން ކޯލިޝަންގެ ބޭނުމެއް ނެތް ކަމަށެވެ. މަޖިލީހުގެ ރިޔާސަތަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ވޯޓުގައި ރައީސް ކަމަށް ޖުމްހޫރީ ޕާޓީން ބޭފުޅަކު ނުކުންނަވައިފި ނަމަ ކޯލިޝަން އުވޭނެ ކަމަށް ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވާ އިރު އެމްޑީޕީން ނިންމާފައި ވަނީ އޭނާ އަށް ތާއީދުކުރުމަށެވެ. ޕީޕީއެމުން ރައީސް ކަމަށް ކުރިމަތިލެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ މަސީހެވެ.
ގުޅުމެއްގެ ސަބަބުން ކޯލިޝަން ރޫޅޭނެ ކަމަށް މައުމޫން ވިދާޅުވުން ރަނގަޅެއް ނޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ