ފޫޅުމައިން އަލުން މަސައްކަތަށް ނެރޭ އިރު ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުމުގައި އެމީހުންގެ ހިއްސާ ވެސް ބޮޑު ކަމަށް ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފޫޅުމައިން މަސައްކަތަށް އަހުލުވެރިކުރަން ގިރިފުށީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ 40 ހަކަށް އަހަރު ކުރިން ރާއްޖޭގައި ވިހާ ކޮންމެ 1000 ކުއްޖެއްގެ ތެރެއިން 130 ކުދިން ވިހެއުމުގެ ތެރޭގައި މަރުވާ ކަމަށެވެ. އެކަމަކު މިހާރު އުމުރުން އަހަރެއް ވުމުގެ ކުރިން މަރުވަނީ ކޮންމެ 1000 ކުދިންގެ ތެރެއިން ނުވަ ކުދިން ކަމަށާއި އޭގައި ފޫޅުމައިންގެ ހިއްސާ ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި މި ކާމިޔާބީގައި ފޫޅުމައިންގެ ރޯލު ބޮޑު،" ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފޫޅުމައިން: 23 އޮކްޓޫބަރުގެ ނިޔަލަށް މި ބައްދަލުވުން އޮންނާނެ-- ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވި ގޮތުގައި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ނިސްބަތް ވެސް މި ސަރަހައްދަށް ބަލާއިރު ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ވިހެއުމުގެ ތެރޭގައި މަރުވީ ލައްކައަކުން 13 މައިން ކަމަށާއި އަދި މިދިޔަ އަހަރު އެއްވެސް މީހަކު ވިހެއުމުގެ ތެރޭގައި މަރުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު މިނިސްޓަރު ވިދާޅުވީ މި ކާމިޔާބީއާ މެދު ހިތްހަމަޖައްސާލައިގެން ތިބެވެން ނެތް ކަމަށާއި ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ޅަފަތުގައި މަރުވާ ކުޑަކުދިންގެ އަދަދު އަދިވެސް ދަށްކުރަން ޖެހޭ ކަމަށެވެ.
ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ ހިދުމަތްތަކުގެ ފެންވަރު މައްޗަށް ޖައްސަން ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި މާބަނޑު މީހުންނަށް ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ނާޒިމް ވިދާޅުވީ މާބަނޑު ދުވަސްވަރު ޑޮކްޓަރަށް ދައްކާ މީހުންގެ ނިސްބަތް އިތުރު ނަމަވެސް އެއްގޮތަކަށް ވެސް ޑޮކްޓަރަށް ނުދައްކާ މީހުން މަދުން ނަމަވެސް ތިބޭ ކަމަށެވެ. އަދި ރަށްރަށުގައި ނިކަމެތި ގޮތަކަށް ބައެއް މީހުން ވިހާކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. ޝީޒާ ވާހަކަ ދައްކަވަނީ: މާބަނޑު މީހުން ވިއްސުމަށް ފޫޅުމައިންގެ ތަޖުރިބާ ބޭނުންވާނެ ކަމަށް ވިދާޅުވި -- ހަވީރު ފޮޓޯ: ނިޝާން އަލީ "އަޅުގަނޑުމެންނަށް ވަރަށް ފަހުން އަޑުއިވިގެން ދިޔަ ރަށެއްގެ މަގުމައްޗަށް މީހަކު ވިހޭ ވާހަކަ، އަދި ލޯންޗެއްގެ ތެރޭގައި ވެސް ވިހޭ ވާހަކަ. ފޫޅުމައިން މަސައްކަތަށް އަހުލުވެރިކުރުމަށް ފަށާ މި ބައްދަލުވުމުގެ މަގްސަދަކީ ވެސް މި ކަހަލަ ހިތާމަވެރި ހާދިސާތައް މަދުކުރުން. ހަގީގަތުގައި މިފަދަ ހާދިސާތައް ހިނގަނީ ވެސް އެ މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތާއި ރައްކާތެރިކަން ފޯރުކޮށް ނުދެވިގެން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޭގެއަށް ޒިޔާރަތްކޮށްގެން ސިއްހީ މައުލޫމާތު ފޯރުކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ފޫޅުމައިން އަލުން މަސައްކަތަށް ނެރުނީ މާބަނޑު މީހުން އަހުލުވެރިކުރުމަށްޓަކައި ކަމަށެވެ. އަދި މާބަނޑުވީއްސުރެ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ، މައުލޫމާތު ދީ، ޑޮކްޓަރުންނަށް ދައްކުވައި އެކަން ކުރުވުމަކީ ފޫޅުމައިންގެ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވީ ކޮންމެ ކަހަލަ ބައްޔެއް ވިޔަސް މިހާރު ގިނަ މީހުން ބޭނުންވަނީ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދައްކަން ކަމަށާއި އެކަމަކު ހުރިހާ ބަލިތަކަށް ސްޕެޝަލިސްޓުން ހަމަޖެއްސުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ފޫޅުމައިންނަކީ ވެސް ތަޖުރިބާ ލިބިފައިހުރި ބައެއް ކަމަށާއި އެ މީހުން އަލުން މަސައްކަތަށް ނެރުނީ ސިއްހީ ދާއިރާއަށް ފޫޅުމައިންގެ ހިދުމަތް ބޭނުންވެފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްހީ ދާއިރާއަށް ވަރަށް ގިނަ އަދަދަކަށް އަދިވެސް މީހުން އެބަ ބޭނުންވޭ. ކުރިން މި ދާއިރާގައި އުޅެފައި ހުރި ނަމަ އަޅުގަނޑުމެންގެ ހިދުމަތްތަކަށް އެބޭފުޅުން ވަރަށް ފުރިހަމައަށް ބޭނުން ކުރެވިދާނެ،" ޝީޒާ ވިދާޅުވި އެވެ.
ފޫޅުމައިން އަހުލުވެރިކުރުވުމުގެ މި ބައްދަލުވުން މި މަހުގެ 23އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ސިއްހީ ދާއިރާގެ ކުރިއެރުމުގައި ފޫޅުމައިންގެ ހިއްސާ ބޮޑު: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ