މިރޭ ފަތިހުން ފެށިގެން މޫސުން ގޯސްވާނެ- މެޓް އޮފީސް
މިރޭ ފަތިހުން ފެށިގެން ތޫފާން "އޮކީ"ގެ ސަބަބުން އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ވަރަށް ގަދައަށް ރާއްޖެއަށް ކުރާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.އެ އިދާރާއިން ބުނީ "އޮކީ"ގެނަން ދީފައިވާ ތޫފާން ރާއްޖެއާ ދުރަށް ދަތުރު ކުރަމުންދާ ނަމަވެސް ތޫފާނުގެ އަސަރުކުރަމުންދާނެ ކަމަށެވެ. ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ނަމަވެސް ތޫފާނުގެ ވިލާތައް ދަތުރުކުރަމުން ދަނީ ވަރަށް ލަސްލަހުން ކަމަށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިރޭ ފަތިހުން ފެށިގެން އިތުރަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ޤައުމީ ދިފާއީ ބާރާއި ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހއ އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 1:00 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ ޔެލޯ އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ ބޯކޮށް ވާރޭވެހި ގަޑިއަކު 30 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އެ އަތޮޅުތަކަށް 50 މޭލް ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މި ތޫފާނުގެ އަސަރު ދެކުނު އޭޝިޔާގެ ޤައުމުތަކަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ސްރީލަންކާއާއި އިންޑޮނޭޝިއާ އަދި އިންޑިއާއަށްވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ. ލަންކާއިން މިހާތަނަށް 4 މީހުން މަރުވެފައިވާއިރު، އިންޑޮނޭޝިއާއިން 19 މީހުން ވަނީ މަރުވެފައެވެ. އަދި އިންޑިޔާގެ ޓަމިލް ނާޑޫއިން 4 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ