މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ދަނޑުބިންތައް ހަލާކުވެއްޖެ

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމުގައި ކުރިއަރާފައިވާ ރަށްރަށުގެ ދަނޑުތައް، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ރަށްރަށުގެ ކައުންސިލުން ބުނެފި އެވެ. އެގޮތުން އެންމެ ބޮޑަށް ދަނޑުތަކަށް ގެއްލުންވެފައިވާ ރަށްރަށުގެ ތެރޭގައި ގދ. ފިޔޯރީ ހިމެނެ އެވެ. އޭގެ އިތުރުން އއ. ތޮއްޑޫ އާއި ލ. އަތޮޅުގެ ދަނޑުވެރިކަން ކޮށްއުޅޭ ބައެއް ރަށްރަށުގެ ދަނޑުތަކަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު "ސަން" އަށް ވިދާޅުވީ، މޫސުން ގޯސްވެ ގަދަޔަށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށު ދަނޑުވެރިން ރޯދަ އަށް ހާއްސަކޮށް ހައްދަމުން އައި ދަނޑުތައް "އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ" ކަމަށެވެ. އެގޮތުން ކަރާދަނޑުތައް ހުންނަ ހިސާބުގައި ފެންބޮޑުވެ، ފެނުއަޑީގައި ގާތްގަނޑަކަށް ތިން ދުވަސް ވަންދެން ދަނޑުތައް ހުރުމުން އެ ދަނޑުތައް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިފަހަރުގެ ރޯދައަށް އެ ރަށުގެ ދަނޑުތަކުން އެކަށީގެންވާ މަންފާއެއް ނުލިބޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ރޯދަ މަހަށް ޙާއްސަކޮށް ގިނަ އަދަދަކަށް ކަރާ އަދި އެހެނިހެން ބާވަތްތައް މާލޭގެ ބާޒާރަށް ގެންނަ ތޮއްޑޫގެ ދަނޑުތަކަށް ވެސް ވަނީ މޫސުމުގެ ސަބަބުން ގެއްލުންވެފަ އެވެ. ތޮއްޑޫ ކައުންސިލްގެ އިންފޯމޭޝަން އޮފިސަރު، ނޫހު މޫސާ "ސަން" އަށް ވިދާޅުވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަރާ ދަނޑުތަކަށް ކޮންމެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށެވެ. ރޯދަ މަހަށް އެ ރަށުން މާލެއަށް ގިނަ އަދަދަކަށް ކަރާ ގެންނާނެ ކަމަށާއި ވިއްސާރާގައި ގަދަޔަށް ވައި ޖެހުމުގެ ސަބަބުން އެ ރަށު ގިނަ ފަޅޯ ދަނޑުތަކުގެ ގަސްތައް މުގުރައިގެން ވެއްޓިފައިވާ ކަމަށެވެ. އަދި އެނޫން ވެސް ގެއްލުންތައް އެރަށު ދަނޑުތަކަށް ވެފައިވާ ކަމަށް ނޫޙު ވިދާޅުވި އެވެ. ލ. އަތޮޅުގައި ދަނޑުވެރިކަން ކުރަމުން އަންނަ ގާދޫ ކައުންސިލްގެ ރައީސް ފަރުހާދު މުހައްމަދު ވިދާޅުވީ، އެ ރަށުގައި ހައްދާފައި ހުރި ކަރާ ދަނޑުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުންތައް ވެފައިވާ ކަމަށެވެ. އެގޮތުން ދަނޑުތަކުން މިފަހަރު ލިބޭ މަންފާ ދަށްވާނެ ކަމަށް އޭނާ ވިދަޅުވި އެވެ. ރާއްޖެ އަށް ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ ޔެލޯ އެލާޓްވެސް ނެރިފަ އެވެ. އަދި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ވެސް ވަނީ ހިތާމަވެރި ހާދިސާތައް ހިނގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ