މީޑިއާ ކައުންސިލްގެ ރައީސަކަށް އަބްދުﷲ މުއާޒު ހޮވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް އެ ކައުންސިލްގެ މެންބަރު އަދި ކުރިން ނައިބު ރައީސްކަން ކުރެއްވި، ބ. ދަރަވަންދޫ ދޭލިޔާގެ، އަބްދުﷲ މުއާޒު ޔޫސުފް، މިއަދު ހޮވައިފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވާފައި މިވަނީ، ގާނޫނީ ގޮތުން އެ ކައުންސިލަށް މާ ބޮޑެތި ބާރުތަކެއް ލިބިދީފައި ނުވާ ކަމަށް ވިދާޅުވެ، މި މަހުގެ ނުވަ ވަނަ ދުވަހު އެ ކައުންސިލްގެ ކުރީގެ ރައީސް، ހުޝާމް މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއަދު ހަވީރު މީޑިއާ ކައުންސިލްގައި ރައީސަކު ހޮވުމަށް ނެގުނު ވޯޓުގައި ތިން ބޭފުޅަކު ވާދަކުރައްވައިގެން މުއާޒު އެ މަގާމަށް ހޮވިވަޑައިގަތީ، އެންމެ ވޯޓެއްގެ ތަފާތުންނެވެ. މުއާޒު އަށް ހަ ވޯޓު ލިބިވަޑައިގެންނެވިއިރު އޭނާއާ ވާދަކުރެއްވި، އެ ކައުންސިލްގެ މެމްބަރު ނ. ވެލިދޫ ދިރޭލާލް، މުހައްމަދު އަބްދުﷲ ޝަފީގަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ. ކައުންސިލް މެމްބަރު އަދި ދިޓީވީ ހިންގުމާ ހަވާލުވެހުންނެވި ގ. އަލަފަރު، މިދުހަތު އާދަމަށް ދެ ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.
މީޑިއާ ކައުންސިލަށް ރައީސަކު ހޮވުމަށް މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާއަށް، 13 މެންބަރުން ހާޒިރުވެވަޑައިގަތެވެ.
މުއާޒު އަކީ، މީޑިއާ ކައުންސިލްގެ މި ދައުރުގެ ތިންވަނަ ރައީސެވެ. ކުރިން އެ މަގާމުގައި ހުންނެވި ހުޝާމް މުހައްމަދު އެމަގާމާ ހަވާލުވީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޓޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން އިބްރާހީމް ހަލީލު އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ