އާއިލީ މައްސަލަތަކުގައި ކޯޓަށް ފައިސާ ނުދައްކާ މީހުންގެ މަޢުލޫމާތު އާންމުކުރަނީ

އާއިލީ މައްސަލަތަކުގައި ކޯޓަށް ދައްކަން ޖެހޭ ސާބިތު ޚަރަދުގެ ފައިސާ، ޙުކުމާއި އެއްގޮތަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމަށް ފެމިލީ ކޯޓުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ވިދާޅުވީ، ޙުކުމާއި އެއްގޮތަށް އެ ކޯޓަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ފައިސާ ދައްކަމުން ނުދާނަމަ އެފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެގޮތަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި، ކޮންމެ ތިން މަހުން އެއް ފަހަރު ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރަމުންދާނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.
ސާބިތު ޚަރަދުގެ ފައިސާ ކޯޓަށް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކުރުމަށް ފެމިލީ ކޯޓުން ނިންމާފައިވާއިރު، ޙުކުމާއި އެއްގޮތަސް ފައިސާ ނުދައްކާ ފަރާތްތަކުގެ ފާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރުމާއި އެކު އެކައުންޓް ފްރީޒް ކޮށްގެން ފައިސާ ހޯދުންފަދަ ފިޔަވަޅު އެޅުމުގެ ބާރު އެ ކޯޓަށް ލިބިގެން ވެއެވެ.
ސާބިތު ޚަރަދުގެ ތެރޭގައި ހިމެނެނީ، ދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދުގެ ގޮތުގައި ފެމިލީ ކޯޓު މެދުވެރިކޮށް، ޙުކުމެއްގެ ދަށުން އަދާކުރަން ޖެހޭ ފައިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ