ކުރީގެ ރައީސުން މުޒާހަރާއަށް ދިޔުން ހުއްޓުވުމަށްޓަކައި ސެކިއުރިޓީ ކަނޑާލަން 241 ކޮމިޓީއިން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ސިފައިން ދޫކުރަމުން އަންނަ ސެކިއުރިޓީ އެވަގުތަށް މެދުކަނޑާލުމަށްޓަކައި ގަވާއިދު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ އިން އިއްޔެ ނިންމައިފި އެވެ. 
ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އަމަލު ކުރަމުންދާ ގަވާއިދެއްގެ ދަށުންނެވެ. އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމެއްގައި މަޖިލީހުގެ 241 ކޮމިޓީ އިން ނިންމީ އެ ގަވާއިދު އިސްލާހު ކުރުމަށެވެ. 
ކޮމިޓީ އިން ނިންމި ގޮތް އެނގޭ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ ކުރީގެ ރައީސުން މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ސެކިއުރިޓީ ކަނޑާލަން 241 ކޮމިޓީ އިން ނިންމީ، މުޒާހަރާ ކުރުން ފަދަ އަސާސީ ހައްގަކަށް ހުރަސް އެޅޭ ގޮތަށް އެކަން ނުކުރަން ކޮމިޓީގައި ބައެއް މެންބަރުން އިލްތިމާސްކުރަމުން ދަނިކޮށް ކަމަށެވެ. 
މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނީ ކޮމިޓީގެ މަގްސަދަކީ ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޒާހަރާއަށް ދިޔުން ހުއްޓުވުން ކަމަށެވެ. 
ކުރީގެ ރައީސުން މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ސެކިއުރިޓީ ކަނޑާލަން ހުށަހެޅުއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. 
އެ އިސްލާހަށް ތާއީދު ނުކުރެއްވީ ތިން މެންބަރެކެވެ. އެއީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަބްދުލްޣަފޫރު މޫސާ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް އާއި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. 
މި ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލި މައްސަލައިގައި ކުރީގެ ރައީސް ނަޝީދު ވަނީ މާލޭގައި ކުރި ދެ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައްދަލުވުމަކަށްފަހު، ހިންގަވާފައި ވަޑައިގަންނަވަން މަސައްކަތް ކުރެއްވި އެވެ. 
ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމާ ދެކޮޅަށް މި ސަރުކާރުން ކުރަމުން އަންނަ ކަންކަމާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ކުރީގެ ރައީސުން ވަނީ ނިންމަވައިފަ އެވެ. އެކަން އިއުލާނު ކުރެއްވި ދުވަހު ޔާމީން ވިދާޅުވީ އެ ތިން ބޭފުޅުން އެކުގައި މުޒާހަރާއަކުން ފެނުން އެކަށީގެންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ