ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ރައްޔިތުން ނަފްރަތު ކުރުން.

(13 ސެޕްޓެމްބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ހައިޕަރ ލިންކް ލިޔުމާ ގުޅޭ(
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސީސީގައި ރައްޔިތުންގެ ޙައްޤުތަކަށް ބޮޑު އަހުމިއްޔަތެއް ދެވިފައިވީ ނަމަވެސް މިޤާނޫނު އަސާސީ ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި ވެސް ފޮރުވިފައިވާ ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ ކަން ފާހަގަވެއެވެ.
މިގޮތުން އަލްއަމީރު މުޙައްމަދު އަމީން ދީދީ (1370ހ.) ހާމަކުރައްވަފައި ވަނީ "ފުރަތަމަ ޤާނޫނު އަސާސީ އަށް ލިބުނު ނާކާމިޔާބުގެ ސިއްރެއް ކަމުގައި ހިމެނެނީ، އޭގެ މައްޗަށް ބިނާކޮށްގެން ލިޔެވިފައިވާ އަޙްކާމު ޢާއްމާގެ (ރައްޔިތުންގެ ޙައްޤުތައް) ބައެއް މާއްދާގެ އުދަގޫކަމެވެ. ޢަމަލުކުރަން ނުހަނު ދަތި މާއްދާތަކެއް، އޭގައިވާ ކަމެވެ. މީގެ އިތުރުން އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި އަޙްކާމް ޢާއްމާ އާއި، މިދެންނެވި ފަދަ ޢަމަލުކުރާން ދަތި މާއްދާތަކުން ސަލާމަތް ވެވުނީ ރަންނަބަނޑޭރި ކިލެގެފާނުގެ، އަތްޕުޅުގެ މަތީން ފޫދިގެންނެވެ.
ރައްޔިތުންގެ މަޖިލިސް (1981) ހާމަ ކުރައްވާ ގޮތުގައި މި ޤާނޫނު އަސާސީ އުވިގެން ދިޔުމުގައި މެދުވެރިވި މައިގަނޑު މައްސަލަތަކަކީ: 1. ތިރީހަކަށް އަހަރުވަންދެން ރައްޔިތުންގެ ލޯބި މިލްކު ކުރައްވައިގެން ރަސްކަން ކުރެއްވި ރަސްކަލެއްގެ ނުފޫޒު. 2. ތިރީހަކަށް އަހަރުވަންދެން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރެއްވިކަމަށް ރައްޔިތުން ޤަބޫލުކުރާ ސިޔާސީ ޒަޢީމެއްގެ ޙިކުމަތު ޢަމަލީ. 3. އަލަށް އުފެދުނު ވުޒާރާގެ މެމްބަރުންގެ މެދުގައި އުފެދިފައިއޮތް އެއްބާރުލެއްވުމުގެ ކުޑަކަން. 4. ބައެއް ވަޒީރުންގެ ތަޖްރިބާގެ މަދުކަން. 5. ޤާނޫނު އަސާސީގެ މައްޗަށް ބިނާކުރައްވައިގެން ފާސްކުރައްވަމުން ގެންދެވި ޤާނޫނުތައް އޭގެ ވަގުތަށްވުރެ ކުރިއަރާފައިވާކަން. 6. ރާއްޖޭގައި އިޤުތިޞާދީ ގޮތުން އެމީހުންގެ ނުފޫޒު ފަތުރައިގެން ތިބި ވޯރާ ވިޔަފާރިވެރިންގެ އަސަރު. ފާހަގަ ކޮށްފައި މިވާ ކަންތައްތަކާއި އަދި އެއާއި ގުޅިފައިވާ ބައެއް ކަންތައްތައް ހިމެނުނީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޤާނޫނު އަސާސީގެ ޢުމުރު ވަރަށްވެސް ކުރުކުރި ކަންތައްތަކެއް ކަމުގައެވެ. ރާއްޖޭގެ ފުރަތަމަ ޤާނުނު އަސާސީގެ ދައުރެއް ކަމުގައި ހިމެނުނީ 10 މަހާއި 27 ދުވަހެވެ.
މީގެ އިތުރުން "މި ޤާނޫނޫ އަސާސީ ލިބިގަތްއިރު ދިވެހިންގެ ތެރެއިން މަދު މީހަކު ނޫނީ، ތިބީއަކީ އެއްގޮތަކަށް ވެސް ޤާނޫނު އަސާސީއެއް ބަލައިގަނެވޭ ފަދަ ހޭލުންތެރި ޙާލަތެއްގައެއް ނޫނެވެ. ދިވެހިން ތިބީ "އާދަކަދާ" އަށް ހޭނިފައެވެ. އެހެންކަމުން މަދުދުވަސް ކޮޅެއްގެ ތެރޭގައި ހެދެން ފެށި ގިނަ ޢަދަދެއްގެ ޤާނޫނުތަކުގެ ސަބަބުން އެކަމުގެ ފިކުރު ބޮޑުވެ ޤާނޫނަށް ބޯލެނބުމުގައި ހުރަސްތަކާ ކުރިމަތިވާން ފެށިއެވެ. އާދަކާދައިގެ ގޮތުގައި ދިވެހިން ބޯލަނބައި އުޅުނު ކަންތައްތައްވެސް އެއީ ޤާނޫނުކަމަށްވެ، އެއަށް ކުރުން ނުވަތަ ނުކުރުން ލާޒިމްވާން ފެށުމުން މީހުންގެ ހިތްހަމަ ނުޖެހުން ރުޅިވެރިކަމަށް ބަދަލުވަމުން ދިޔައެވެ." ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒް (2004) ހާމަކުރައްވާފައި ވެއެވެ. އޭގެ އެއްމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެ މަރުކަޒުން ހާމަކުރައްވަނީ: 1. މުޅިން އައު 40 ޤާނޫނު އެއްފަހަރާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާސްވުން. 2. ވަރަށް އާދައިގެ ކަންތައްތައްވެސް ޤާނޫނުތަކަކަށް ބަދަލުވެ ދިއުން. 3. ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ މެދުގައި ހަމަނުޖެހުން އުފެދުން. މިހެން ވާން ފެށުމުން ރައްޔިތުންގެ މެދުގައި ހިތްހަމަ ނުޖެހުން އެފިދެގެން ދިޔަ އެވެ.
 
ފުރަތަމަ ޤާނޫނު އަސާސީ އުވިދިއުމުގައި ކުރިމަތިވި ސަބަބުތައް ކަމުގައި ނަސީމާ މުޙައްމަދު (2013) ހާމަކުރައްވާފައި ވަނީ މައިގަނޑު 5 ސަބަބެކެވެ. އެއީ، 1. ޤާނޫނޫ އަސާސީ ހަދައި ނިމުނު ތަނާ ބޮޑުވަޒީރު ކަމުގައި ހުންނެވި ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އިސްތިޢުފާ ދެއްވުމާއި، 2. ޤާނޫނު އަސާސީ ތަޞްދީޤު ވުމަށްފަހު ހެދެމުން ދިޔަ ޤާނޫނުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުން ދިޔަ ދަތި ކަންތައްތަކާއި، 3. ވޯރާ ވިޔަފާރިވެރިންގެ ފިހާރަތައް 21 ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓުމާއި، މާލޭގައި ދެދުވަސް ވަންދެން މާޝަލް ލޯ، ސަރުކާރުން ހިންގެވުން. މި ނޫނަސް ސަބަބުތައް ވާ ކަމަށް ބެލެވެއެވެ.
#
ޤާނޫނޫ އަސާސީ އުވިދިއުމަށް މެދުވެރިވި ކަމަށް ފާހަގަ ކުރެވުނު ސަބަބު ނުވަތަ އަޞްލުތައް
1
ތިރީހަކަށް އަހަރުވަންދެން ރައްޔިތުންގެ ލޯބި މިލްކު ކުރައްވައިގެން ރަސްކަން ކުރެއްވި ރަސްކަލެއްގެ ނުފޫޒު.
2
ތިރީހަކަށް އަހަރުވަންދެން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރެއްވިކަމަށް ރައްޔިތުން ޤަބޫލުކުރާ ސިޔާސީ ޒަޢީމެއްގެ ޙިކުމަތު ޢަމަލީ.
3
އަލަށް އުފެދުނު ވުޒާރާތަކުގެ މެމްބަރުންގެ މެދުގައި އުފެދިފައިއޮތް އެއްބާރުލެއްވުމުގެ ކުޑަކަން.
4
ބައެއް ވަޒީރުންގެ ތަޖްރިބާގެ މަދުކަން.
5
ޤާނޫނު އަސާސީގެ މައްޗަށް ބިނާކުރައްވައިގެން ފާސްކުރައްވަމުން ގެންދެވި ޤާނޫނުތައް އޭގެ ވަގުތަށްވުރެ ކުރިއަރާފައިވާކަން.
6
ހ. ރާއްޖޭގައި އިޤުތިޞާދީ ގޮތުން އެމީހުންގެ ނުފޫޒު ފަތުރައިގެން ތިބި ވޯރާ ވިޔަފާރިވެރިންގެ އަސަރު.
ށ. ވޯރާ ވިޔަފާރިވެރިންގެ ފިހާރަތައް 21 ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓުން.
7
މާލޭގައި ދެދުވަސް ވަންދެން  ސަރުކާރުން މާޝަލް ލޯ، ހިންގެވުން.
8
މަޖުބޫރީ ޙާލަތެއްގައި ޤާނޫނު އަސާސީ އެއް އެކުލަވާލަން ޖެހި، ބާރުތައް މާ ބޮޑަށް ބައިބައި ކުރެވިގެން ދިޔުން.
(ނުނިމޭ)
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ