އިޒްރޭލު ފުލުހުންގެ ހަމަލާއެއްގައި ފަލަސްތީނު ޒުވާނަކު ޝަހީދު ވެއްޖެ

މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައި މަސްޖިދުލް އަޤްޞާ ހުންނަ ބިން ކަމުގައިވާ ގުދުސް އަށް ފަލަސްތީނު ރައްޔިތުންނަށް ނުވަދެވޭނެކަމަށް އިޒްރޭލުން އެންގުމާއެކު އިއްޔެ ހިނގާ ދިޔަ ކުރިމަތިލުންތަކުގައި އިޒްރޭލު ފުލުހުންގެ ހަމަލާއެއްގައި ފަލަސްތީނު ޒުވާނަކު ޝަހީދުވެއްޖެ އެވެ.
ގުދުސްގެ ތުލްކަރީމް އަވަށުގައި ހިނގި މި ހާދިސާގައި ޝަހީދުވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އެކަން ފަލަސްތީނުގެ ފުލުހުން ވަނީ ބައިނަލްއަގްވާމީ މީޑިއާއަށް ކަށަވަރު ކޮށްދީފަ އެވެ.
ހުޒެއިފާ އޮތުމަން ނަމަކަށް ކިޔާ މި ޒުވާނާއަކީ މި ފަހަރު ފަލަސްތީނާއި އިޒްރޭލާ ދެމެދު ހަމަނުޖެހުން ހިނގަން ފެށިފަހުން ޝަހީދުވި ފަލަސްތީނު ފުރަތަމަ މީހާ އެވެ. މި ހަމަނުޖެހުންތައް ފެށިފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. ހަތިޔާރާއެކު އިޒްރޭލު ފުލުހުން އަޤްޞާ މިސްކިތައް ވަންނަން ފެށުމުންނެވެ. ގުދުސްގައި އިޒްރޭލު ފުލުހުންގެ އަދަދު އިތުރު ކުރަން ފެށުމުންނެވެ. އަދި ގުދުސްގެ މަގުތަކަށް ހިބްރޫ ނަންތަކެއް ކިޔުމަށް އިޒްރޭލުން ނިންމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ