ހަވީރު ސްޕޯޓްސް އެވޯޑް 2007 އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގު.

24: 22
ހުސްވި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހޮވިފައިވަނީ އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ފާއިތުވި ދެ އަހަރު ނިއު އަށް ކުޅުމަށް ފަހު މި ފެށޭ ސީޒަނުގައި ވީބީ އަށް ކުޅެން ނިންމައިގެން ހުރި ވެލެންސިއާގެ ކުރީގެ ފޯވަޑް ވަނީ 2007 ވަނަ އަހަރު އެފް.އޭ.ކަޕް ތަށި ދެ ވަނަ ފަހަރަށް ނިއު އަށް މިލްކުކޮށްދިނުމަށް ލަނޑު ވެސް ޖަހައިދީފަ އެވެ.
ސީޒަނުގައި 16 ލަނޑު ޖެހި ދަގަނޑޭ އަކީ 2003 ވަނަ އަހަރު ހަވީރުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭގެ އިތުރުން ދަގަނޑޭ ވަނީ އެ އަހަރުން ފެށިގެން ޖެހިޖެހިގެން ތިން އަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން ހަވީރުގެ ރަން ބޫޓު ވެސް ހާސިލްކޮށް، ހަވީރު ސްޕޯޓްސް އެވޯޑުގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ވައިސް ކެޕްޓަންކަން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ދަގަނޑޭ އަކީ މިދިޔަ އަހަރު ކުރީކޮޅު ކުޅުނު އޮލިމްޕިކް ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާ އެވެ.
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އަށް ދޭ ހަވީރުގެ ރަން ޓްރޮފީއާ އެކު 25،000ރ. ގެ އަގުބޮޑު އެވޯޑް މި ފަހަރު ސްޕޮންސާކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް ކާޑް ސެންޓަރުންނެވެ.
އެންމެ މޮޅު ފުޓުބޯޅަ ދެވަނަ އިސްމާއިލް އަނީލް. އަދި އެންމެ މޮޅު ފުޓުބޯޅަ ތިންވަނަ އައްސަދު އަބުދުލްގަނީ
10: 22
ހުސްވި އަހަރު ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އިބްރާހީމް ނިޒާރެވެ. އުމުރުން 36 އަހަރުގެ ނިޒާރަކީ މި އެވޯޑް މިހާތަނަށް ހާސިލުކުރި އެންމެ ދުވަސްވީ ކުޅުންތެރިއާއެވެ. އޭނާއަކީ ތަޖުރިބާކާރު ކޯޗު ސައްޔިދު އަލީގެ އިރުޝާދުގެ ދަށުން ނިއު ރޭޑިއަންޓަށް ވޮލީ ކުޅެން ފެށި އަދި ހަވީރުގެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.
ތަފާތު ގިނަ ކުލަބުތަކަށް ކުޅެފައިވާ ނިޒާރަކީ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް ހަވީރުން ހޮވަން ފެށި ފަހުން އެ މަގާމު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔާ އެވެ. މި ގޮތުން ،2001 2003 އަދި 2004 ވަނަ އަހަރު ހަވީރުގެ ރަން ޓްރޮފީ އޭނާ އަށް ލިބިފައިވުމަކީ އެހެން ހުރިހާ ވޮލީ ކުޅުންތެރިންނަށް ވުރެ ބޮޑަށް ނިޒާރު ހާއްސަވާ ކަމެކެވެ.
މިއީ ނިޒާރު މި މަގާމު ހޯދި ހަތަރުވަނަ އަހަރެވެ. ވ. އަތޮޅުގެ ކުޑަ ރަށެއް ކަމަށްވާ ތިނަދު އަށް އުފަން، ބާރު ޝޮޓް ޖެހުންތެރިޔާ އަށް ވަނީ މި އަހަރު އެސޯސިއޭޝަނުން ބޭއްވި ހުރިހާ މުބާރާތެއްގައި ވެސް އެންމެ މޮޅު ޑިގަރުގެ މަގާމު ލިބިފަ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ބޭނުންކުރަމުންދާ ހަތް ނަންބަރު ޖޯޒީ ގައުމީ ޓީމުގައި އަދިވެސް އެހެން ކުޅުންތެރިއަކަށް ހެޔޮވަރު ކުރެވޭގޮތް ވަނީ ނުވެފަ އެވެ.
ހަވީރުގެ ރަން ޓްރޮފީއާއެކު 10،000ރ. ހުށަހަޅާފައިވާ މި އެވޯޑްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް މަކިޓާ އެވެ. މި އެވޯޑްގެ ކޯ ސްޕޮންސަރަކީ މެގަޗިޕް ޕްރައިވެޓް ލިމިޓެޑް އެވެ.
00: 22
2007 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ބާސްކެޓާއި ނެޓްބޯޅަ މޮޅަށް ކުޅޭ އާމިނަތު ޝިއުރާ އެވެ. އޭނާ އަކީ 2007 ވަނަ އަހަރު ލަންކާގައި ބޭއްވި ޓްރައިނޭޝަން ނެޓްބޯޅަ މުބާރާތުން ރިހި މެޑަލް ހޯދި ނެޓްބޯޅަ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.
އަހަރުގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމަށް އޭނާ ނޮމިނޭޓްވީ ބާސްކެޓް ބޯޅައިންނެވެ. އެސޯސިއޭޝަން ކަޕާއި ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން 2007 ވަނަ އަހަރު ޝިއުރާ ވަނީ ޖާގަ ހޯދައިފަ އެވެ. އަދި އޭނާ އަކީ ގައުމީ ނެޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ ވެސްމެ އެވެ.
ޝިއުރާ ވަނީ ހަވީރުން ފުރަތަމަ ފަހަރަށް ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަކޮށްފަ އެވެ.
ދެހާސް ހަ ވަނަ އަހަރު ހަވީރުން ތައާރަފްކުރި މި އެވޯޑާއެކު މިއަހަރު 10،000ރ. އާއި ހަވީރުގެ ޓްރޮފީދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.
އެންމެ މޮޅު އަންހެން ދެވަނަ ކުޅުންތެރިއަކަށް ހޮވުނީ ޔުމްނާ.
އެންމެ މޮޅު އަންހެން ތިންވަނަ ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް ރިޒްނީ.
50: 21
މިހަފްލާގައި މިހާރު ކުރިއަށް ދަނީ "ހަރުބީ ގްރޫޕް"ގެ ސަގަފީ އައިޓަމެއް.
43: 21
ހުސްވި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ މަގާމަށް ހޮވުނީ، 2006 ވަނަ އަހަރު ވެސް މި މަގާމު ހޯދާފައިވާ މައުރޫފް އަހުމަދު (މާއްޓޭ) އެވެ. ހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ލީގު ވިކްޓަރީ އަށް ހޯދައިދީ ގައުމީ ފައިނަލަށް ވެސް ވިކްޓަރީ ގޮވައިގެން އޭނާ ދަތުރުކުރި އެވެ.
ނަމަވެސް ގައުމީ ތަށި ތިން ވަނަ ފަހަރަށް މިލްކުކުރަން 2007 ވަނަ އަހަރު ލިބުނު ފުރުސަތު އޭނާ އަށް ވަނީ ކާމިޔާބުނުވެފަ އެވެ.
މި މަގާމަށް ހަވީރުގެ ޓްރޮފީއާއެކު 10،000ރ ހުށަހަޅާފައިވެ އެވެ. އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑުގެ ސްޕޮންސަރަކީ ހިޓާޗީ/ އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓެވެ.
42: 21
އަހަރުގެ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ހަވީރުން ދޭ ރަންބޫޓު މިއަހަރު ހާސިލުކުރީ ވީބީ ސްޕޯޓްްސް އަށް ކުޅެމުންދާ އިތުބާރު ފޯވާޑް އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ.
ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް 1994 ވަނަ އަހަރުން ފެށިގެން ހަވީރުން ދެމުން އަންނަ މި ރަންބޫޓު މި ފަހަރު ވެސް ހޯދީ މިދިޔަ އަހަރު ވެސް މި މަގާމު ހޯދި ވީބީގެ އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. މުޅި ސީޒަނުގައި ތިން މުބާރާތް ކުޅެގެން އޭނާ މި ބޫޓު ހޯދީ 18 ލަނޑު ޖަހައިގެންނެވެ. މީގެ ތެރެއިން ގިނަ ލަނޑުތައް އޭނާ ޖަހައިފައި ވަނީ ދިވެހި ލީގުގަ އެވެ. އޮއްޕޮއަކީ ވިދިވިދިގެން ދެ ފަހަރު މި މަގާމު ހޯދި ހަތަރު ވަނަ ކުޅުންތެރިޔާ ވެސް މެ އެވެ.
37: 21
ހުސްވި އަހަރުގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިއަކަށް ހޮވުނީ، ވިކްޓަރީގެ އަހުމަދު އަފްޝަން ރަޝާދެވެ. މުޅި އަހަރު ތެރޭގައި އޭނާ ވަނީ އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ ގިނަ ކާމިޔާބީތަކެއް އޭނާ އަށް ލިބުނެވެ. އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަފްޝަން ވަނީ ބިދޭސީ ޓީމުތަކަށް ދައުވަތު ދީގެން ބޭއްވި އިންވިޓޭޝަން ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އަދި ބާސްކެޓް އެސޯސިއޭޝަނުން ހޮވި 2007 ވަނަ އަހަރުގެ ސްޓާ ޕްލޭޔަރަކީ ވެސް އަފްޝަނެވެ.
މުޅިން އަލަށް މި އަހަރު ދޭން މި ފަށާ އެވޯޑާއެކު 15،000ރ. އާއި ހަވީރު ރަން ޓްރޮފީ ހުށަހަޅާފައިވެ އެވެ. މި އެވޯޑްގެ ސްޕޮންސަރަކީ ނޮވެލްޓީ ބުކްޝޮޕެވެ. އަދި ކޯސްޕޮންސަރަކީ އޯލް ސްޕޯޓްސް އެވެ.
31: 21
މިހަފްލާގައި މިހާރު ކުރިއަށް ދަނީ "ހަރުބީ ގްރޫޕް"ގެ ސަގަފީ އައިޓަމެއް.
24: 21
ކުޅިވަރުގެ ހިދުމަަތްތެރިއަކަށް ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަވީރުން ދޭ ފިލާ ލިބުނީ ހަސަން ނިޒަރުއަށެވެ.
22: 21
މިހަފްލާގައި މިހާރު ކުރިއަށް ދަނީ ފަނޑިޔާރުންގެ ހަތަރު ޕެނަލަށް ހަނދާނީ ލިއުން ދިނުމުގެ އައިޓަމް. މިއެވޯޑްތައްވެސް ހަވާލުކޮށްދެއްވަނީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
18: 21
މިހަފްލާގައި މިހާރު ކުރިއަށް ދަނީ ހަވީރު ސްޕެޝަލް ކަސްޓަމަރ ހަވާލުކޮށް ދިނުމުގެ އައިޓަމް. މިއެވޯޑްތައް ހަވާލުކޮށްދެއްވަނީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
06: 21
މިހަފްލާގައި މިހާރު ކުރިއަށް ދަނީ މަރުހަބާ ދެންނެވުމުގެ ގޮތުން ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ވާހަކަފުޅު ދެއްކެވުން.
55: 20
ހަވީރު ސްޕޯޓްސް އެވޯޑް 2007ގެ އިނާމުތައް ދިނުމުގެ ހަފްލާ ފެށިއްޖެއެވެ.
45: 20
ހަވީރު ސްޕޯޓްސް އެވޯޑް 2007ގެ އިނާމުތައް ދިނުމުގެ ހަފްލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެށޭނެ އެވެ. މި އަހަރުގެ އެވޯޑްތަކަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިން މިހާރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ހާޒިރުވެ އެބަ ތިއްބެވެ.
(އިތުރު ތަފްސީލު އަންނަނީ....)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ