އަލް އަރަބިއާ ދެކޮޅަށް ކުޅޭއިރު މާޒިޔާ އިން ވިސްނަންޖެހޭ ކަންކަމަށް ސަމާލުވެގެން އަލް އަރަބިއާ ދެކޮޅަށް ކުޅޭއިރު މާޒިޔާ އިން ވިސްނަންޖެހޭ ކަންކަމަށް ސަމާލުވެގެން

އޭއެފްސީ ޗެލެންޖް ލީގު މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ކުވައިތުގެ އަލް އަރަބިއާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ މެޗުން ފިލާވަޅު ލިބިގަނެގެން ކަމަށް މާޒިޔާގެ ކޯޗު، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުވައިތުގައި ސެންޓްރަލައިޒްކޮށް ހޯސްޓްކުރިއިރު، މާޒިޔާ އިން ގްރޫޕްގެ ދެ ވަނަ މެޗުގައި ނުކުތީ އަލް އަރަބިއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ.
ސާބިއާގެ ޑްރަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ކުޅުނު މާޒިޔާ ކޮޅަށް، އަލް އަރަބިއާ އިން މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ދެ ގޯލު ޖެހި އެވެ.
ޗެލެންޖް ލީގުގެ ކޮލިފައިން ޕްލޭއޮފްގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ހެނާންޑޭޒް ބުނީ، އެ މެޗުގެ ހަނދާން މާޒިޔާގެ ގިނަ ކުޅުންތެރިންގެ އަދިވެސް އެބަހުރި ކަމަށެވެ. އަދި އެކަމަށް "މެންޓަލީ" މާޒިޔާ އިން ތައްޔާރުވާނެ ކަމަށެެވެ.
"މިދިޔަ އަހަރުގެ މެޗުގައި އަހަރެމެން ކޮޅަށް ދެ ގޯލު މިނިޓެއް ތެރޭގައި އެ މީހުން (އަލް އަރަބިއާ) އިން ޖެހި. އަހަރެން މިތާކު ނެތިން (މާޒިޔާ ކޯޗަކަށް). އެކަމަކު، ގިނަ ކުޅުންތެރިން އެ މެޗު ހަނދާން އެބަހުރި. މިހާރު އަހަރެމެން އެބަޖެހޭ މެންޓަލީ އެކަމަށް ތައްޔާރުވާން. އަހަރެމެން އަށް ގޯލު ޖެހޭނެ، އެ މީހުން އަހަރެމެން ކޮޅަށް ވެސް ޖަހާފާނެ. އެކަމަކު އަހަރެމެން ތައްޔާރުވާނީ މުޅި މެޗަށް." ހެނާންޑޭޒް ބުންޏެވެ.
އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ހެނާންޑޭޒް ބުނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގަ އެއް މާޒިޔާ އަށް ނުލިބުނު ނަމަވެސް އެ ޓީމުން މަސައްކަތް ކުރާނީ ކުރިއަށް އޮތް ޕްލޭއޮފް މެޗު ކާމިޔާބުކޮށް ގްރޫޕް ސްޓޭޖަށް ދިޔުމަށް ކަމަށެވެ. އަދި، މި ވަގުތު މާޒިޔާ އިން ކަނޑައަޅާފައިވާ ޓާގެޓަކީ ގްރޫޕް ސްޓޭޖު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެމެން މިހާރު ފަރިތަމިކުރަނީ ނޮކްއައުޓް މެޗަށް. މާޒިޔާ ސްކޮޑަށް އާ ކުޅުންތެރިން ވެސް އެބަ ޖޮއިން ކުރޭ. މި މެޗަށް އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވާނަން" ހެނާންޑޭޒް ބުންޏެވެ.
މާޒިޔާ އާއި އަލް އަރަބިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު މާލޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ