ހަވީރު ނިއުސް ޓީމަށް ސާބަސް!

ނިއުސް ރޫމެއްގައި އެންމެ އުފެއްދުންތެރި ނޫސްވެރިން ކަނޑައަޅާ، އެމީހުންނާ ބެހޭ ގޮތުން ލިއުމަކީ އެޑިޓަރަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. "ހަވީރު" ގެ ނިއުސް ރޫމް ކުރިންސުރެ ވެސް ބަލަމުން އަންނަނީ އެއް އާއިލާއެއްގެ ގޮތުގަ އެވެ. އެއް ޓީމެއްގެ ރޫހު ލިބިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގަ އެވެ. އެހެންކަމުން ލިބެން ހުރި ހިސާބުތަކުގެ އަދަދުތަކަށް ބަލާފައި، ކޮންމެ ބަޔަކުން ވެސް އެކެއް ނެގުމަކީ ހިތްހަލާކުވާވަރުގެ ކަމެކެވެ. ނަމަވެސް ކޮންމެ މަސައްކަތެއްގައި ވެސް އެންމެ މޮޅު، އެންމެ ފާހަގަކުރެވޭ، އެންމެ ހީވާގި، އެންމެ އުފެއްދުންތެރި މީހަކު ހުންނާނެ އެވެ. އެގޮތުން 2011 ގައި ހަވީރުގައި އެންމެ ފާހަގަކޮށްލެވުނު ބައެއް ނޫސްވެރިން ކިއުންތެރިންނާ ހަމައަށް ގެނެސް މިދިނީ އެހެން ނޫސްވެރިންގެ މަސައްކަތުގެ އަގުވަޒަން ނުކުރެވޭތީއެއް ނޫނެވެ.
ހަވީރުގެ ހުރިހާ ނޫސްވެރިންނަށް ސާބަސްދެމެވެ. އެމީހުންގެ އުފެއްދުންތެރި ލިއުންތައް ކޮންމެ ދުވަހަކު ކިއުންތެރިންނާ ބައްދަލުކުރެ އެވެ. ހުކުރެއް ހޮނިހިރެއް ނެތި، ރަސްމީ ބަންދަކަށް، ދީނީ ބަންދަކަށް ބެލުމެއް ނެތި ކިއުންތެރިންގެ ކަރުހިއްކުން ފިލުވާލަދޭން ބުރަ މަސައްކަތްތަކެއް ކުރެ އެވެ.
ހަވީރު ނިއުސްރޫމްގައި ފުލްޓައިމް 21 ނޫސްވެރިން މަސައްކަތްކުރެ އެވެ. ބައެއް ނޫސްވެރިން ވަނީ ވަކި ދާއިރާތަކަކަށް ޚާއްސަވެފަ އެވެ. އޭގެ ތެރޭގައި ކުޅިވަރާއި ވިޔަފާރި އާއި އަދުގެ ދުނިޔެ އަދި މުނިފޫހިފިލުވުން ހިމެނެ އެވެ. މިއިން ކޮންމެ ނޫސްވެރިޔަކު ވެސް އޭނާގެ ގާބިލްކަން ހުރި މިންވަރުން ކުރަމުން އަންނަނީ ބުރަ މަސައްކަތެކެވެ. އިގުތިސާދީ މައްސަލަތަކާ އެކު ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ޝަކުވާތައް އޮތަސް، ނޫސްވެރިކަމަކީ ވެސް ފަންނެއްގެ ގޮތުގައި ބަލައިގެން ވަޒީފާގެ ވާޖިބު އަދާކުރަމުން އަންނަނީ، އެ މަސައްކަތުގެ ނިމޭ ކޮޅުގައި، ކިއުންތެރިންތަކެއް ތިބިކަން ގަބޫލުކޮށްގެންނެވެ؛ ތިމާކުރާ މަސައްކަތް ބަލައިގަންނާނެ ބަޔަކު ތިބެންޏާ އެކަން ވީހާވެސް ރަނގަޅަށް ކުރެވޭތޯ ބަލަން އެބަ ޖެހެ އެވެ.
ހަވީރުގެ ނޫސްވެރިން 2011 ގައި ގައުމީ ވަރަށް ބޮޑެތި މައްސަލަތައް، ވަރަށް ކެރިގެން ކަވަރުކޮށްފައިވެ އެވެ. ނޫސްވެރިކަމަކީ އޭގެ ޒާތުގައި އެކި މީހުންގެ ފާޑުކިއުން އަމާޒުވާ ކަމަކަށް ވިޔަސް، ހިތްވަރު ދޫނުކޮށް ކަންކަމާ ކުރިމަތިލި އެވެ. ސިޔާސީ މީހުންގެ ޝަކުވާތަކާއި ރުޅިވެރި ބަސްތަކާއި "ނަސޭހަތްތައް" ވެސް އަޑުއެހި އެވެ. އަދި ހަގީގަތް ހާމަކުރަން ޖެހޭ ކަންކަމުގައި ވަކި މީހަކަށް ނުބަލާ ލިއެފައިވެ އެވެ.
"ހަވީރު" އާ އަހަރަކާ ކުރިމަތިލާ އިރު، އަދި 33 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އިރު މިދިއަ އަހަރު ވަނީ ތަރައްގީގެ ވަރަށް ބޮޑު ފިޔަވަޅެއް އަޅައިފަ އެވެ؛ ހަވީރުގެ އާ ވެބްސައިޓް ނެރުމެވެ. ކިއުންތެރިން ހިތްހަމަޖެހޭވަރުގެ އާ ޑިޒައިންތަކާ އެކު އަދި މިހާރުގެ މާހައުލުގައި ވީހާވެސް ބޮޑަކަށް ބޭނުންހިފޭ ފަސޭހަތަކާ އެކު އާ ވެބްސައިޓް ވުޖޫދަށް ގެނައީ ވަރަށް ބުރަ މަސައްކަތްތަކަކަށް ފަހު އެވެ. އޮންލައިންގެ ޓެކްނިކަލް ޓީމުން މިހާރު ވެސް ގެންދަނީ އާ ތަރައްގީ އާއި އާ ފަސޭހަތަކަށް މަގުކޮށައި، އަމަލީ ސިފަ ގެންނަމުންނެވެ.
ރާއްޖޭގައި ނޫސްވެރިކަން މިހާރު އޮތް ގޮތުން ފަސޭހަކޮށްލައިގެން ތިބެވޭކަށް ނެތެވެ. އެކަން އެންމެ ބޮޑަށް ދަންނާނެ ބަޔަކަށް ވާނީ ހަވީރުގެ ނިއުސް ޓީމެވެ. މުޅި ނިއުސްރޫމްގެ އުފެއްދުންތެރިކަމަށް ބަލާއިރު 2011 ގެ ތަޖުރިބާތަކުން 2012 ގައި ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ކޮންމެ ނޫސްވެރިއެއްގެ މަސައްކަތް ވެސް، އެޑިޓަރެއްގެ ގޮތުން އަޅުގަނޑު ވަރަށް ބޮޑަށް ވަޒަންކުރަމެވެ.
ނޫހެއްގައި، ކިއުންތެރިންނަށް ނޭނގި އެންމެ ބުރަކޮށް އުޅޭ ބަޔަކީ ކޮޕީ އެޑިޓަރުންނެވެ. އެގޮތުން ލޯކަލް އެޑިޓަރުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ކޮޕީ އެޑިޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އިސްމާއިލް ނަސީރަކީ ނޫސްވެރިންނަށް ލިބުނު ރަނގަޅު ވެރިއެކެވެ. ދުވާލު އެތައް ޚަބަރަކާއި ރިޕޯޓެއް، އަވަސްކަމާ އެކު އެޑިޓްކުރައްވައި، ކިއުންތެރިންނާ ހަމަޔަށް ގެނެސްދެވެނީ އިސްމާއިލްގެ ބުރަ އަދި މުހިންމު ރޯލެއް އޮވެގެންނެވެ. އިސްމާއިލާ އެކު، އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވެސް ކޮފީ އެޑިޓިންގައި މުހިންމު މަސައްކަތްތަކެއް ކުރައްވަ އެވެ. އަދި އިނގިރޭސި ޑިޕާޓްމަންޓްގައި އަލީ ނާފިޒު މަޑުމަޑުން އިނދެ ކުރަމުން އަންނަނީ ވެސް ފާހަގަކޮށްލެވޭ ބުރަ މަސައްކަތެކެވެ.
ހަވީރުގެ އަހަރީ ދުވަހު ހަވީރުގެ ހީވާގި ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ އަގުވަޒަންކޮށް، އެމީހުންނަށް އައްސަރިބަހާއި ސާބަސް އަޅުގަނޑު ރައްދުކުރަނީ މިހާރަށް ވުރެ އެ ނޫސްވެރިންގެ އުފެއްދުންތައް ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ކިއުންތެރިންނަށް ދެމުންނެވެ. ނޫސްވެރިންގެ ބިޒީ ދިރިއުޅުމުގައި، އަމިއްލަ އެތައް އުފަލެއް ގުރުބާންކޮށް ކިއުންތެރިންނަށްޓަކައި އޮހޮރުވާ ދަލަކީ އޭގައި އަގެއް އޮތް ކަމެއްކަން އަޅުގަނޑު ގަބޫލުކުރަމެވެ.
އާ އަހަރަކަށް މަރުހަބާ އެވެ. ހަވީރުގެ ނޫސްވެރިންނަށް، ހިތުގެ އެންމެ ފުންމިނުން، ޝުކުރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ