ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި މިހާރު މަސައްކަތް ކުރަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ދެކެވޭ ވާހަކަތަކަކީ ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަމަށާއި ސަރުކާރުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދާ ހަވާލުކޮށްގެން ތައްޔާރުކުރި ގާނޫނުގެ ޑްރާފްޓް އާންމުކުރުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލަރުން އައްޔަން ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކަމަށާއި ގާނޫނު އަސާސީގެ އަށް ވަނަ ބާބު ނުވަތަ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބާބުގައިވާ ގޮތަށް ކައުންސިލަރުން އިންތިހާބު ކުރަނީ 242 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް ރައީސް ރޭ ވިދާޅުވި ގާނޫނު އަސާސީގެ 242 ވަނަ މާއްދާ އަކީ އެއްގޮތަކަށް ވެސް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭ މާއްދާއެއް ނޫނެވެ. އެއީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ސަލާމަތީ ހިދުމަތާ ބެހޭ ބާބުގެ މާއްދާއެކެވެ.
ލާމަރުކަޒީ އުސޫލުން ކައުންސިލަރުން އިންތިހާބުކުރުމާ ބެހޭ ގޮތުން ރައީސް ރޭ ވާހަކަފުޅު ދެއްކެވިއިރު އެއާ ނުގުޅޭ އެހެން މާއްދާއެއްގެ ނަމްބަރު ވެސް ދޭތެރެއަކުން ވިދާޅުވި އެވެ. އެއީ ވެސް ސިފައިންގެ ހިދުމަތުގެ ބާބުގެ 243 ވަނަ މާއްދާ އެވެ.
"އަޅުގަނޑުމެން ކައުންސިލަރުން އައްޔަން ކުރަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން. ކައުންސިލަރުން އިންތިހާބުކުރަނީ ލާމަރުކަޒީ އުސޫލުން އަށް ވަނަ ބާބުގައި އެވާ 242 ވަނަ މާއްދާގެ ދަށުން. [ރަނގަޅު ގޮތަކީ 231 ވަނަ މާއްދާ[. އަޅުގަނޑަކީ ގާނޫނީ ވަކީލެއް ނޫން. އަދި އަޅުގަނޑު މީގެ ކުރީގައި ބަންޑާރަނާއިބުކަމެއް ވެސް ނުކުރަން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމެއް ވެސް އަޅުގަނޑު ނުކުރަން. އެހެން ނަމަވެސް ވަރަށް ސާފުކޮށް އަޅުގަނޑަށް ވެސް އިނގޭ މިންވަރެއް މިއީ. އެއް ކަމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކުރާ ކަމެއް. އަނެއް ކަމަކީ ހަމަ ގާނޫނެއް ހަދައިގެން، އިންތިހާބެއް ބާއްވައިގެން ހަމަ ގާނޫނު އަސާސީގެ 242 ވަނަ މާއްދާގެ ދަށުން ކުރަން ޖެހޭ ކަމެއް. މިއީ ހާސްބައި ތަފާތު ދެ ކަމެއް،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުންދާ ކަމަކީ ގާނޫނު އަސާސީގެ 242 ވަނަ މާއްދާ ( 231 ވަނަ މާއްދާ) ގެ ދަށުން ކައުންސިލަރުން އިންތިހާބު ކުރެވެންދެން ވެސް އަތޮޅުތަކާއި ރަށްތައް ހިންގަން ޖެހޭތީވެ 115 ވަނަ މާއްދާގެ ދަށުން ކައުންސިލަރުން އައްޔަކުރެއްވުން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައިވާ ގޮތަށް ކައުންސިލަރުން އިންތިހާބުކުރުމުން މިހާރު އައްޔަންކުރަމުންދާ ކައުންސިލަރުން އެ ހިސާބުން އުވޭނެ ކަމަށެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރެއްވުމަށް ބޭނުންވާ މަގާމުތައް އުފެއްދެވުމުގެ ބާރު ލިބިދެ އެވެ.
"އަޅުގަނޑު އުއްމީދުކުރަން 115 ވަނަ މާއްދާ ހަނިކުރައްވާނެ ކަމަށް. އެހެން ނަމަވެސް ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ވަރަށް ފުޅާކޮށް އެ އޮތީ. މި ގާނޫނުގައި ބުނާ ކައުންސިލަރުން އިންތިހާބުވީމަ ވެސް ދެން އަންނަ ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް މި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އިންތިހާބުވީ ކައުންސިލަރުގެ މައްޗަށް ނުވަތަ އެ އިންތިހާބުވި ކައުންސިލަރު ހުންނަވަނިކޮށް ކައުންސިލަރު އައްޔަން ކުރެވިދާނެ. އަޅުގަނޑު އުއްމީދުކުރަން މި ރާއްޖޭގައި ކުރިއަށް އަންނަ ރައީސުން ގެންގުޅޭނެ ބަދުއަޚުލާގީ ސިފައެއް ނޫން ކަމަށް އެއީ. އަޅުގަނޑެއް ހަމަ ގައިމު ވެސް އެކަން އެގޮތަކަށް ނުކުރާނަން. ދުއިސައްތަ ސާޅީސް ތިން ވަނަ މާއްދާގެ ދަށުން [ 231 ވަނަ މާއްދާ[ ކައުންސިލަރު އިންތިހާބު ވީމަ 115 ވަނަ މާއްދާގެ ދަށުން އިންތިހާބުވެފައިވާ ކައުންސިލަރުގެ ބޭނުމާއި މުއްދަތު ހަމަވެ ނިމިދިޔައީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ ހަތް ޕްރޮވިންސަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެވުނީމަ މާލޭގައި އެޓޮލްސް މިނިސްޓްރީގެ ގޮތުގައި ތަނެއް ހިންގުމުގެ ބޭނުމެއް ނެތް ކަމަށާއި އެ މިނިސްޓްރީ ހިންގި ފާށަނާ ބިލްޑިން އެންމެ ލަސްވެގެން މޭ މަހުގެ ނިޔަލަށް ބަންދުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެޓޮލްސް މިނިސްޓްރީގެ މާލޭގެ އިދާރީ ބަޖެޓުގައި މި އަހަރު ހިމަނާފައިވާ 47 މިލިއަން ރުފިޔާގެ 10 ޕަސެންޓް ނަމަވެސް ހޯމް މިނިސްޓްރީގައި ބަހައްޓަވާނެ ކަމަށެވެ. އޭގެ އިތުރުން އެޓޮލްސް މިނިސްޓްރީގައި ވަޒީފާ އަދާކުރި ފަހެއް ނުވަތަ ހަ މުވައްޒަފުން ހޯމް މިނިސްޓްރީ އަށް ބަދަލުކޮށް ބާކީ ތިބި ހުރިހާ މުވައްޒަފުން ވަޒީފާތަކަށް ނުކުންނަން ޖެހޭނީ އެކި ޕްރޮވިންސްތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނެއް ވަޒީފާއަކުން އެއްވެސް ބޭފުޅެއް ވަކިކުރާކަށެއް ނޫޅެން. އަޅުގަނޑުމެން ހަމައެކަނި ކުރަން މި އުޅޭ ކަމަކީ މާލޭގައި ހުރި ވަޒީފާއެއް އުވާލައި ހަމަ އެ ވަޒީފާ އަތޮޅުތަކުގައި އުފެއްދުން. އަޅުގަނޑުމެން މި ލަފާކުރަނީ މި މަސައްކަތް އަޅުގަނޑުމެންނަށް ނިންމުނީމަ އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި އެ ތިއްބެވި ހުރިހާ ބޭފުޅުން އަތޮޅުތަކުގެ އެކިއެކި ޕްރޮވިންސްތަކުގައި ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަންނަވާ މޭ މަހުގެ ނިޔަލަށް އެ އިމާރާތުގެ [ފާށަނާ ބިލްޑިންގް] ބޭނުންކުރުން ހުއްޓާލާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުނީމަ ކޮންމެ ޕްރޮވިންސެއްގައި މަދުވެގެން 50- 80 އާ ދެމެދުގެ އަދަދަކަށް ވަޒީފާތައް އުފެދޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށާއި އެކަމާ ފަހަތަށް ޖެހެން ސަރުކާރަކަށް ނެތް ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ޑްރާފްޓް ކުރެއްވި ސުއޫދު ވަނީ އެ ޑްރާފްޓާ ބެހޭ ކުރު ތައާރަފެއް ވެސް ދެއްވައިފަ އެވެ.
ޑްރާފްޓްގައިވާ ގޮތުން އިދާރީ ދާއިރާތައް ހިންގަނީ މިހާރު ވެސް ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ހަތް ޕްރޮވިންސަކަށް ބަހާލައިގެންނެވެ. އަދި އެއިން ކޮންމެ ޕްރޮވިންސަކަށް ނިސްބަތްވާ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އަތޮޅު ކައުންސިލެއް އޮންނާނެ އެވެ. އެއިން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށްތައް ހިންގުމަށްޓަކައި އިދާރީ ދާއިރާގެ ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އޮންނާނެ އެވެ. ޑްރާފްޓްގައިވާ ގޮތުން ވެރިރަށް މާލެ ހިންގަނީ އެ ގާނޫނުގެ ދަށުން އިންތިހާބުކުރާ ސިޓީ ކައުންސިލުންނާއި މާލޭގެ އަވަށް އަވަށުގެ ކައުންސިލުންނެވެ. މި ޑްރާފްޓްގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް މެމްބަރުން އިންތިހާބުކުރާނެ ގޮތާއި ގާނޫނީ ބާރުތައް ލިބިފައިވާ މިންވަރު ވެސް ބަޔާންކޮށްފައިވެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ސުއޫދު ވަނީ އެ ޑްރާފްޓާ ބެހޭ ގޮތުން ބައެއް މީހުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދެއްވައިފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ލޯކަލް ގަވަމަންޓާ ބެހޭ ހާއްސަ ވެބްސައިޓް ވެސް އިފުތިތާހު ކޮށްދެއްވައިފަ އެވެ.
ލާމަރުކަޒީ އުސޫލު ހިންގަނީ ގާނޫނު އަސާސީއާ ހިލާފަށޭ ބުނުމަކީ ދެއުޅިއެއް ނުވާ ވާހަކަތަކެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ