ޣައްޒާ އާރާސްތުކުރުމަށް ރާއްޖޭން ވީ ވަރަކުން އެހީތެރިކަން ދޭނަން: ނަސީރު

އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް މިސްރުން ހުށަހެޅި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ވީ މިންވަރަކުން ރާއްޖޭން ދޭނެ ކަމަށް، އދ. އަށް ރާއްޖޭން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އޮތް ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ދެއްވި ތަޤްރީރުގައި ނަސީރު ވަނީ، ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމު ނިމުމަކަށް ގެނައުމަށް ޑިޕްލޮމަސީގެ އުސޫލުތައް އިސްކުރުމަށް ގޮވާލައްވައިފައެވެ. ނަސީރު ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމަށް މިސްރުން ހުށަހެޅި ޕްލޭން، ނުވަތަ އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ރާއްޖޭން ދެވެން އޮތް މިންވަރަކުން ދެމުން ދާނެ ކަމަށެވެ. އެ ތަޤްރީރުގައި ނަސީރު ވަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކުގެ މައްޗަށް، އިރުމަތީ ޤުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެ، އަންރުވާއިން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ. ފްރާންސާއި ސައޫދީ އަރަބިއްޔާއިން ރިޔާސަތު ބަލަހައްޓާ މި ބައްދަލުވުން ވަނީ، މެދުއިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ޖޫން މަހު މެދުކަނޑާލައިފައެވެ. އަދި މި ތިން ދުވަހުގެ ބައްދަލުވުން އަލުން ފެށީ ހޯމަ ދުވަހުގައެވެ. ޣައްޒާ އާރާސްތުކުރުމަށް މިސްރުން ޕްލޭނެއް ހުށަހެޅީ އެ ގައުމުގެ ވެރިރަށް ޤާހިރާގައި މިދިޔަ މާޗް މަހުގެ ކުރީކޮޅު ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުގައެވެ. މި ޕްލޭން ބިނާކޮށްފައިވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުނުކޮށް ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މައްޗަށެވެ. އަދި ޣައްޒާގެ އިދާރީކަންކަން ބެލެހެއްޓުން ވަގުތީގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ ހަވާލުކުރުމުގެ މައްޗަށެވެ. އެއަށްފަހު ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭގޮތަށް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދައިގެން ފަލަސްތީނުގެ މައްސަލަ ދާއިމީ ގޮތަކަށް ހައްލުކުރާ ގޮތަށެވެ. ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް އެމެރިކާ ނޫނީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ޣައްޒާ ބޭއްވުމަށް އެމެރިކާއާއި އިސްރާއީލުން ގެންގުޅޭ ތަސައްވުރަށް އަރަބި ސަމިޓްގެ އިއްތިފާގުންވަނީ ދެކޮޅު ހަދާފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހަތިޔާރު ނިގުޅައިގަތުމަށް އިސްރާއީލާއި އެމެރިކާ އެދޭއެދުމާ އަދި ގޮވާލާ ގޮވާލުންތަކާމެދު ސަމިޓުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމާބެހޭގޮތުން މިސްރުން ހުށަހެޅި ޕްލޭންގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ އިންތިގާލީ މަރުހަލާއެވެ. ދެވަނަ ކަމަކީ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެށުމެވެ. ތިންވަނަ ކަމަކީ ފަލަސްތީނުގައި އުފައްދާ މިނިވަން ދައުލަތެއްގެ ބައެއްގެ ގޮތުގައި ޣައްޒާ ހަދައި އެދައުލަތުގެ ނިޒާމުގެ ދަށުން ދާއިމީ ގޮތަކަށް ޣައްޒާގައި ވެރިކަން ކުރުމެވެ. މި ޕްލޭންގައި ހިމެނޭ ދެވަނަ ބައިކަމަށްވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވަނީ ތިން މަރުހަލާއެއްގެ ތެރެއިންނެވެ. ފުރަތަމަ މަރުޙަލާގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އެއީ ޣައްޒާގައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކުގެ ގައުކުޑި ނަގައި ޣައްޒާ ސާފުކުރުމުގެ މަރުހަލާއެވެ. ދެވަނަ މަރުހަލާއަކީ ޣައްޒާގެ ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ވަގުތީ ހިޔާވަހިތައް ބިނާކޮށްދިނުމުގެ މަރުހަލާއެވެ. ތިންވަނަ މަރުހަލާ އަކީ އަމަލީގޮތުން ޣައްޒާ ބިނާކުރުމުގެ މަސައްކަތް ފަށައި އެމަސައްކަތް ނިންމުމުގެ މަރުހަލާއެވެ. މިސްރުގެ ޕްލޭންގައި ވާގޮތުން ދެވަނަ މަރުހަލާއާއި ތިންވަނަ މަރުހަލާ ދާނީ އެކުއެކީގައެވެ. މި ދެމަރުހަލާގެ މުއްދަތަކީ ހަތަރު އަހަރާއި ފަސްއަހަރުގެ މުއްދަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ