މޫސުން ގޯސްވުމާ ގުޅިގެން ރޮކް ސްޓޯމް ޝޯ މިރެއަށް ފަސްކޮށްފި

ހުކުރު ދުވަހުގެ ރޭ ބާއްވަން އޮތް ރޮކްސްޓޯމް ޝޯ މޫސުން ގޯސްވެ ވައި ގަދަވުމާ ގުޅިގެން މިރެއަށް ފަސްކޮށްފި ކަމަށް ޝޯ އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.
ސްވިޑެންގެ މަޝްހޫރު މެލޮޑިކް ޑެތު މެޓަލް ބޭންޑް "އާކް އެނެމީ" އާ އެކު ބާއްވަން ހަމަޖެހިފައި އޮތް ޝޯ ހުކުރު ދުވަހުގެ ރޭ ނުބޭއްވުނީ ވައިގަދަ ވުމުގެ ސަބަބުން ސައުންޑް ޓެންޓާއި އެހެނިހެން ސާމާނުތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުމުން ކަމަށް ޝޯ އިންތިޒާމުކުރާ މެކްސްލެވެލް އިން ބުނެ އެވެ.
"އިއްޔެ ހުރިހާ ކަމެއް ތައްޔާރުކުރުމަށް ފަހު އަޅުގަނޑުމެން ހަމައެކަނި ކުރަން އޮތް ކަމަކީ ސައުންޑް ޗެކްކުރުން. މިވަރުގެ ބޮޑު ބޭންޑެއް ޕާފޯމް ކުރާއިރު ބޭންޑުން ސައުންޑް ޗެކް ކުރާނެ، ދެއްތޯ؟ އެހެންނަމަވެސް އިއްޔެ ފަތިހު ވަރަށް ބޮޑަށް ވައި ގަދަވެ އަޅުގަނޑުމެންގެ އިކުއިޕްމެންޓްސްތަކަށް ގެއްލުން ލިބިފައިވަނީ،" މެކްސްލެވެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ "ލެކިއުޓް ރޮކްސްޓޯމް ޗެޕްޓާ 3 - އެވޭކް ޔޯ ސެންސަސް"ގެ ނަމުގައި ބާއްވާ ޝޯ ހޮނިހިރުދުވަހުގެ ރޭ 8.00 ގައި ބާއްވާ ގޮތަށް ހަމަޖައްސާ ލައިޓުތަކަށް ލިބިފައިވާ ގެއްލުންތައް ވެސް މަރާމާތުކޮށްފައިވާ ކަމަށެވެ.
ޝޯގައި ބައިވެރިވުމަށް މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި "އާކް އެނެމީ" މާދަމާގެ ހެނދުނުގެ ވަގުތެއްގައި ފުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ